ޚަބަރު

ޖޭޑަބްލިއު މެރިއޮޓް ބްރޭންޑްގެ ދެވަނަ ރިސޯޓު އެނބޫދޫ ފިނޮޅުގައި ހަދަނީ

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ ލަގްޒަރީ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ޖޭޑަބްލިއު މެރިއޮޓުގެ އިތުރު ރިސޯޓެއް ރާއްޖޭގައި ހަދަން ނިންމައިފިއެވެ.

ޖޭޑަބްލިއު މެރިއޮޓުގެ ފުރަތަމަ ރިސޯޓު ހުޅުވީ ށ. ވަގަރުގައެވެ. އެއީ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއެވެ. އެ ރިސޯޓު ހުޅުވާފައި ވަނީ 2019 ވަނަ އަހަރެވެ.

މެރިއޮޓް އިންޓަނޭޝަނަލް އިން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން އެ ކުންފުނީގެ އަށްވަނަ ރިސޯޓު އަދި ޖޭޑަބްލިއު މެރިއޮޓުގެ ދެވަނަ ރިސޯޓު ހަދަނީ އެނބޫދޫ ފަޅުގައި ހިއްކައިގެން ހަދާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގަ ކަމަށެވެ.

ޖޭޑަބްލިއު މެރިއޮޓް ރިސޯޓް އެންޑް ސްޕާ، އެނބޫދޫ ފިނޮޅު - ސައުތު މާލެ އެޓޯލްގެ ނަމުގައި ހަދާ ރިސޯޓަކީ 80 އެނދުގެ ރިސޯޓެއް ކަމަށާއި އެ ރިސޯޓު ހުޅުވަން ނިންމާފައި ވަނީ 2025 ވަނަ އަހަރު ކަމަށްވެސް ބުންޏެވެ.

މެރިއޮޓްގެ ރިސޯޓެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ފަހުން ހުޅުވައި ހިދުމަތް ދޭން ފެށީ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސްއެވެ.

އެކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ އަނެއް ރިސޯޓުތަކަކީ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ، ދަ ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުލި ރިސޯޓް، ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް، ޖޭޑަބްލިއު މެރިއޮޓް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް، ޑަބްލިއު މޯލްޑިވްސް އަދި ދެ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓެވެ.