އއ. މަތިވެރީގައި ޓެރަރިސްޓުން އުޅޭކަމަށް ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވުމުން އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެ ދާއިރާގެ މެންބަރު ހަސަން ޒަރީރު މިއަދު މަޖިލީހުގައި ގޮވާލައްވައިފި އެވެ.

މިދިޔަ ހަފުތާގައި ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށު ޒުވާނުންތަކެއް ވަނީ ޖާބިރު ވަށާލައި، އެ ރަށުގައި އޭނާ ހިންގާ ގެސްޓްހައުސަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ގެސްޓްހައުސްގެ ކުލީގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. 2017 ވަނަ އަހަރުން ފެށިގެން އެ ގެސްޓްހައުސްގެ ކުލި ޖާބިރު ދައްކަމުން ނުދާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

މި ހަފުތާ ތެރޭގައި ޖާބިރު މަތިވެރި ކައުންސިލްގެ ރައީސަށް ގުޅައިގެން ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރާ ކަމަށް ބުނާ އޯޑިއޯއެއްވެސް ވަނީ އާއްމުވެފަ އެވެ. މަތިވެރި ޒުވާނުން ޖާބިރާ ދެކޮޅަށް އަޑުއުފުލައި، އޭނާއަށް ހަމަލާ ދިނުމުން ޖާބިރު އެންމެ ފުރަތަމަ ވަޑައިގެން ހިމާޔަތް ހޯއްދެވީ ޕޮލިސް ސްޓޭޝަނުންނެވެ. އެ މައްސަލަ ހޫނުވުމާ ގުޅިގެން، ޖާބިރަށް އިންޒާރުތައް ދެމުން ދާ ކަމަށް ބުނެ އޭނާއަށް ސެކިއުރިޓީ ދޭން މަޖިލީހުން އެމްއެންޑީއެފް އަށް ވަނީ އަންގައިފަ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ވިޔަފާރިވެރިންނަށް ރައްކާތެރި މާހައުލެއް ރާއްޖޭގައި މިހާރު ނެތް ކަމަށާއި ރާއްޖެއަކީ އިންވެސްޓަރުންނަށް އޮތް ރިސްކެއް ކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރި ކުރެވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ، މަތިވެރި ކަހަލަ ޓެރަރިސްޓުން ތިބި ރަށްތަކުގައި ހިންގާ ގެސްޓުހައުސްތައް ބަންދުކޮށް އެރަށްތައް ފަޅު ކުރަން ޖެހޭ ކަމަށެވެ.

ޖާބިރުގެ އެ ވާހަކަތަކަށް، މިއަދުގެ މަޖިލިސް ޖަލްސާގައި އެ ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަ ދައްކަވައިއިފަ އެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގެ ބަހުސްއަށް ބަހުސް ކުރެއްވުމުގެ ތެރެއިން ޒަރީރު ވިދާޅުވީ، މަތިވެރީގައި ޖާބިރު ހިންގަވާ ގެސްޓްހައުސަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ ވަގުތުން ދައްކާނެ ކަމަށާއި، ބާކީ ހުރި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކާނެ ކަމަށް ވިދާޅުވެ، ޖާބިރު އެ ރަށު ކައުންސިލަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

ޒަރީރު ވަނީ ޖާބިރުގެ އެ ސިޓީ ދެން ތިއްބެވި މެމްބަރުންނަށް ފެންނާނެހެން ދައްކަވައިއިފަ އެވެ.

"އަދި މިހާތަނަށް އެއްވެސް ފައިސާއެއް ނުދައްކާ. މިއޮތީ ހެކި. މިއޮތީ ކާފީ ހެކި،" އެ ސިޓީ އަތްޕުޅަށް ނަންގަވައިގެން ޒަރީރު ވިދާޅުވި އެވެ.

މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ރައްޔިތުންނަކީ ޓެރަރިސްޓުންނަށް ހަދައި، އެ ރަށުން ރައްޔިތުން ބާލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި ޖާބިރަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ޒާރިރު ވަނީ ގޮވާލައިފަ އެވެ.