މިއީ ރާއްޖެއާ ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކޮށް ނަތީޖާ ނެރެންވީ ވަގުތުކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި ބާއްވާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޝެހްބާޒް ވިދާޅުވީ ރާއްޖެއާއި ޕާކިސްތާންއާ ދެމެދުކުރާ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރަން މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުގެ އަހު، ރައީސް ޑރ. މުއިއްޒު، އަޅުގަނޑުގެ އެދުމުގެ މަތިންވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް ގެންދިއުމަށް ވަރަށް ފުރިހަމައަށް އެއްބަސްވެވަޑައިގެންފައި. މިހާރު މިއޮތީ ފުރުސަތު، މިއީ އަޅުގަނޑުމެން އަމަލީ ގޮތުން ނަތީޖާ ނެރެންވީ ވަގުތު،" ޝެހްބާޒް ވިދާޅުވިއެވެ.

22 އޮކްޓޫބަރު 2026، ރާއްޖެ- ޕާކިސްތާން ބިޒްނަސް ފޯރަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝެހްބާޒްއާ ސަލާމް ކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

އެހެންވެ، ރާއްޖެއާއި ޕާކިސްތާންއާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަދި ޝިޕިންގެ ހިދުމަތް ވީހާވެސް އަވަހަކަށް ފަށައި، އަމަލީ ސިފައެއް ގެންނަން އަމާޒު ހިފާފައިވާކަމަށް ޝެހްބާޒް ވިދާޅުވިއެވެ. ވިޔަފާރީގެ ގޮތުން ގުޅުން ފުޅާކުރުމަށް ސީދާ ދަތުރުތައް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަކީ މުހިންމުކަމެއްކަމަށް ޝެހްބާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ވާނީ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަންއަށް އިރުޝާދު ދެއްވާފައި އަވަސް ގޮތަކަށް، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން، ޕީއޭ ނުވަތަ ޕާކިސްތާނުގެ އެހެން އެއާލައިނެއް މެދުވެރިކޮށް، ފަތުރުވެރިންނާއި ވިޔަފާރިވެރިންނާއެކު ފުރަތަމަ ފްލައިޓް ރާއްޖެއަށް ކޮށް، ވިޔަފާރިއާ ގުޅުންހުރި ކަންކަން ކުރުމާއި، އުފާވެރިކަން ހޯދުމަށް". ޝެހްބާޒް ވިދާޅުވިއެވެ.

ޝެހްބާޒް ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޕާކިސްތާންއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރާނެކަމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސިވިލް އެވިއޭޝަން ދާއިރާ ހިމެނޭހެން 20 ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމަށްވަނީ އެމްއޯޔޫތަކެއްގައި ސޮއިކޮށްފައެވެ.