އެހެން ދީންތަކުގެ މީހުންނަށް ރާއްޖެ އައިސް ނަމާދު ކުރެވޭ ގޮތް ހެދުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވައިފިއެވެ.

ހެއްކާބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ހެއްކަކީ އަމާނާތެއް ކަމަށެވެ. ކޮންމެ މީހަކުވެސް އެ އަމާނާތް އަދާކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ހެއްކާބެހޭ ގޮތުން އިރުކޮޅަކު ވާހަކަ ދެއްކެވުމަށްފަހު ޖާބިރު ވިދާޅުވީ އަޅުގަނޑުމެން ދިވެހިންނަކީ އެކި ގައުމުތަކުން ރާއްޖެ އައިސް އުޅޭ ބައެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންނަކީ އެކި ގައުމުތަކުން އައިސް އުޅޭ ވަކަރުގޭ ކުދިން، ވީމާ ބެހިގެން މިތަނަށް އައި މީހުންކަން ކިތަންމެ ރީތިކޮށް ހުރި ޅ އެއްވިޔަސް ވަކަރުގޭ ކުދިން ވާނީ ހަމަ ވަކަރުގޭ ކުދިންނަށް،" ޖާބިރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ރާއްޖެ އައީ އެކި ތަންތަނުގައި ފިލައިގެން އުޅުމަށްފަހުގައި ކަމަށާއި، ހަގީގަތަކީ އަޅުގަނޑުމެންނަކީ އެކި ގޮތްގޮތުން ރާއްޖެ އައިސްފައި ތިބި ބަޔަކަށް ވުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އަޅުގަނޑުމެން ތަހުޒީބު ވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ކިތަންމެ ރީތި ރަން ވިދާ ހެދުމާއި މީއްޗިހި ލިޔަސް އަޅުގަނޑުމެން ތަހުޒީބު ވާން ޖެހޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ޝަރީއާ ތަހުޒީބު ކަމަށާއި، ކީރިތި ގުރުއާން ތަހުޒީބު ކަމަށެެވެ. އަދި މާތް ﷲ ވޮޑިގެންވާ ކަމަށާއި، ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރު ފުޅާއެކު އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން ކަމަށެވެ. މި ރާއްޖޭގައި މާމޮޅު ދީންވެރިޔަކު ނެތް ކަމަށާއި، ނަމަވެސް އެންމެންނަކީ ނަމާދު ކުރާ މީހުން ކަމަށްވެސް ވިދާޅުވިއެވެ.

ދެން ވިދާޅުވީ "އެެހެންދީންތަކަށް މިރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް ލަކުމް ދީނުކުމް ވަލިޔަދީން މިގައުމުގައި އުފައްދަން އެބަ ޖެހޭ، މާނައަކީ އެހެންދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް މިތާނގައި އުޅެވެން ވާނެ،" ކަމަށެވެ.