ޒަރޫރީ ބޭނުމަކަށް ނޫނީ ރާއްޖެއަށް ނުދިއުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނެރެފައިވާ އެޑްވައިޒަރީ މިއަދު އުވާލައިފިއެވެ.

ހަތަރު މަހަށްފަހު އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގާފައިވަނީ މި މަހުގެ 17 ގައެވެ. ނަމަވެސް ޔޫކޭ ސަރުކާރުން ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރެއް ރާއްޖެއަށް ނުކުރަން އިރުޝާދުދީ އެޑްވައިޒަރީއެއް ނެރެފައެވެ.

ރާއްޖޭގައި ހުންނަ ޔޫކޭ ހައިކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ މިހާރުގެ ކޮވިޑްގެ ހާލަތަށް ބަލައި ޔޫކޭގެ ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ނެރެފައިވާ އެޑްވައިޒަރީ އުވާލާފައިވާ ކަމަށެވެ. އެހެންވެ އެގައުމުގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.

އިނގިރޭސިވިލާތުން ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު އޮންނަނީ ތިން ކެޓެގަރީއަކަށް ބަހާލައިފައެވެ. އެއީ ގްރީން، އެމްބާ އަދި ރެޑެވެ. ރާއްޖެ މިހާރު ހިމަނާފައި އޮތީ އެމްބާ ލިސްޓްގައެވެ.

ޒަރޫރީ ބޭނުމަށް ނޫނީ ރާއްޖެއަށް ނުދާން އިނގިރޭސިވިލާތުގެ ސަރުކާރުން ނެރެފައިވާ އެޑްވައިޒަރީއާ ގުޅިގެން އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި، ޓީޔޫއައި އިން ވަނީ ރާއްޖެއަށް ކުރަން ހުރި ދަތުރުތައް އަންނަ މަހުގެ މެދާ ހަމައަށް ފަސް ވެސް ކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 18،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ޕީކް ސީޒަންގައި އިނގިރޭސިވިލާތުން މަހެއްގެ މައްޗަށް 10،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަށް އާދެއެވެ.