ޚަބަރު

ސޮފްޓްވެއާގެ މައްސަލައިގައި ކޮރަޕްޝަން ހިމެނޭތީ ވެމްކޯގެ ކުރީގެ އެމްޑީއަށް ދައުވާކުރަން ފޮނުވައިފި

އިއުލާނު ނުކޮށް "ވެށިފާރަ" ސޮފްޓްވެއާ ހަދަން ބަޔަކާ ހަވާލު ކުރި މައްސަލައިގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީި)އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ ވެމްކޯގައި ބޭނުންކުރަމުންދާ "ވެށިފާރަ" ސޮފްޓްވެއާ އަކީ އިއުލާނު ކުރުމެއް ނެތި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ބޭނުންވާ ލޯކަލް ސޮފްޓްވެއާ ޑިވެލޮޕަރަކަށް އެއް މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ހަދާފައިވާ ސޮފްޓްވެއާ އެއް ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކުރުމަށް މިއަދު ޕީޖީއަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ވެށިފާރަ ސޮފްޓްވެއާ ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި ވަނީ އިއުލާން ނުކޮށް، އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ކަމަށާއި އެކުންފުންޏާ މަސައްކަތް ހަވާލުކުރި އިރު ވެމްކޯ ހިންގުމާ ހަވާލުވެހުރީ މުހައްމަދު ޝިފާއު ކަމަށެވެ. އަދި ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ހަވާލުކުރުމުގެ ހުރިހާ ކަމެއް ދިޔައީ ޝިފާއުގެ ބެލުމުގެ ދަށުން ކަމަށާއި އެ ކުންފުންޏާއި ޝިފާއުއާ ދެމެދު ގާތް ގުޅުމެއް އޮންނަކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

"ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް 11 ޖޫން 2017 ގައި ވެމްކޯއިން ނޮނިއާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން ވެމްކޯގެ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް، އިއުލާނުކުރުމެއްނެތި ނޮނި އިން ވެމްކޯއަށް މުދާ ހޯދާފައިވޭ، އެ މުދާ އާންމުކޮށް އިއުލާންކޮށްގެން އެފަދަ މުދާ ފޯރުކޮށްދޭ ކޮންމެ ބައެއްގެ އަތުންވެސް ހޯދޭނެ މުދާ ކަން ތަހުގީގަށް ފާހަގަކުރެވޭ. އަދި ވެށިފާރަ ސޮފްޓްވެއާ އަށް ގެނެސްފައިވާ އިސްލާހުތަކާއި އޭގެ ފަހުން ވެމްކޯއަށް މުދާ ހޯދުމަށް ނޮނިއާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޝިފާއު،" އޭސީސީން ބުންޏެވެ.

ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނަރުގެ އެކައުންޓުން ޝިފާއުގެ އެކަންޓަށް އެކި ދުވަސް މަތީން ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

އެހެންވެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ޝިފާއު އާއި ނޮނި ސޮލިއުޝަންގެ އޯނަރާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ނޮނި ސޮލިއުޝަންގެ އޯނަރަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމާއި މި މައްސަލައިގައި ޝިފާއު ނާޖާއިޒު ފައިދާ ހޯދާފައިވާކަން ސާބިތުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

މި މައްސަލައިގެ އިތުރުން އޮޅުވާލައިގެން އާ ޑަމްޕްޓްރަކެއްގެ ގޮތުގައި ބާ ޑަމްޕްޓްރަކެއް ގަނެފައިވާ މައްސަލައިގައި 2019 ވަނަ އަހަރު ވަނީ ޝިފާއުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވައިފައެވެ. ނަމަވެސް މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވާ ކަމެއް ސާފެއްނުވެއެވެ.