ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ވާހަކަދައްކަނީ ސަރުކާރާއި ވަޒީރުންގެ މޮޅު ވާހަކަދައްކަން ޓޯކިން ޕޮއިންޓް ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާިއރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލުގެ ބަހުސްގައި ދެއްކެވި ވާހަކައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން، ބޮންޑޭ ވިދާޅުވީ، ރިޔާސީ އިންތިހާބާ ދިމާކޮށް ކުދި ވިޔަފާރިތައް ޖޫރިމަނާކޮށްގެން އެ ވިޔަފާރިތައް މުށް ދަށަށް ގެންނަން މަސައްކަތް ކުރަމުންދާ ކަށެވެ.

ބޮންޑޭ މިހެން ވިދާޅުވިއިރު، ސަރުކާރުން ބިލު ހުށަހަޅާފައި ވަނީ، ބިދޭސީންނަށް ވިޔަފާރީގެ މަންފާ ލިބޭ ގޮތަށް ހިންގާ ވިޔަފާރިތަކުގެ ރަޖިސްޓްރީ ބާތިލުކުރުމަށް ގާނޫނުގައި ހިމެނުމަށެވެ. އޭގެ އިތުރުން ވިޔަފާރިއާ ގުޅޭ ހިދުމަތްތަކަށް ސަރުކާރުން ނަގަމުން އަންނަ ފީ އުވައިލުމުގެ އިތުރުން ވިޔަފާރިތައް ރަޖިސްޓްރީ ކުރެވޭ މުއްދަތު އިތުރު ކުރަންވެސް ބިލުގައި ހިމަނާފައިވެ އެވެ.

ނަމަވެސް ބޮންޑޭ ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ބިލުން ލިބޭ ފަސޭހައެއް ނުފެންނަ ކަމަށެވެ.

އެ ބިލަށް ތާއީދުކޮށް މެންބަރުން ވާހަކަ ދަައްކަނީ އެފްރިކަން ގްރޭ ފަދަ، ވާހަކަ ދައްކާ ގުރާ ގޮތަށް، ޓޯކިން ޕޮއިންޓްތަކެއް ދީގެން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރަށާއި ވަޒީރުންނަށް ޝުކުރު އަދާކޮށް ބިލުގެ މޮޅު ވާހަކަ ދެއްކުމަށް ޓޯކިން ޕޮއިންޓްތައް ދީފައިވާ ކަމަށްވެސް ބޮންޑޭ ތުހުމަތު ކުރެއްވިއެވެ.

އެމްޑީޕީގެ އިންތިހާބުގައި ސަރުކާރުގެ މިނިސްޓަރުން އެކި ރަށްރަށަށް ގޮސް ކެމްޕެއިން ކޮށްގެން ވޯޓު ހޯދާފައިވާ ކަމަށް ބުނި ނަމަވެސް އިތުރަށް އެއްވެސް ވޯޓެއް އެމްޑީޕީއަށް އައިސްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ އިންތިހާބުގައި ކާމިޔާބު ލިބުނީ ރައީސް ނަޝީދުގެ ފެކްޝަނަށް ކަމަށާއި އެއީ ބަރުލަމާނީ އަށް ލިބުނު ކާމިޔާބެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ގެންގޮސް ވަގުތުން ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ހޯއްދަވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.