ދިގު ކިޔޫގައި ޖެހިގެން ސަހަރާއަށްވަނީމެވެ. މޮޅީގެ ސާލެއް ލެވިފައި އޮތް އެ ސަހަރާ ތެރޭގައި ހުއްޓިގެން ހުރި ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލިފައިވެ އެވެ. ސަހަރާގެ ގޯތި ތެރެ ފުރާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގައި އެމްއެންޑީއެފްގެ ޓްރެއިނިންއެއް ހަދަމުން ދަނިކޮށް މަރުވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހީމަށް އެންމެ ފަހުގެ ސަލާމް ކުރުމަށް ދިޔަ އޭނާގެ އާއިލާގެ މީހުންނާއި ރައްޓެހިންނާ އެކުގައި މަސައްކަތް ކުރާ މީހުންނެވެ. އޭނާއަށް ކިޔަވައިދެއްވި އެދުރުންނާއި އޭނާ އުނގަންނައިދިން އެތައް ދަރިވަރުންތަކެވެ.

އެއްވެފައިވާ މީހުން ކައިރިން ނެއްޓިގެން ގޮސް ހިނަވާ ގޭތެރެއަށް ވަން އިރު، އަށިމަތީގައި ބާއްވާފައި އޮތް ސުލްތާންގެ ހަށިގަނޑު ކައިރީގައި ތިބި އާއިލާގެ މީހުން ގިސްލާ ރޯ އަޑު އިވެއެވެ. ކަޅި ހުއްޓުނީ ސުލްތާނުގެ ބޮލާވީ ކޮޅުގައި ހުއްޓިލައިގެން ހުރި އޭނާގެ މަންމައަށެވެ. ދަރިފުޅުގެ ބޮލުގައި ތާ އަބަދުމެ ފިރުމާލާ ފަދައިން ފަހު ފަހަރަށް ފިރުމާލަ ފިރުމާލައެވެ. މަންމައަށް ހިތްވަރުދީ މަސަލަސް ކުރުމުގައި ސިފައިންގެ ބޭކަލުން ގާތުގައި ތިބި މަންޒަރު ވެސް ފެނިގެންދިޔައެވެ.

"ހަށިގަނޑު ހިނަވާފައި އެތާ ބޭއްވީއްސުރެ އެ އިންނަނީ އެހެން ފިރުމާލަ ފިރުމާލާ. ކައިރީގައި އެ ސޮރު (ސުލްތާން) ހުންނަ އިރުވެސް އެހެން ފިރުމާނެ. މިއަދު ފަހު ފަހަރަށް ފިރުމަން ލިބޭތީ އެ ހުންނަނީ އެހެން. އެ ސޮރު މަރުވި ހަބަރު ލިބުނީއްސުރެ ކާއެއްޗެއް ނުކެވޭ. އެހެންވެ ކޮޅަށް ހުންނާނެ ވަރެއްވެސް ނެތި އެ ހުންނަނީ އިރުކޮޅުކޮޅާ ވެއްޓި ވެއްޓި،" ދެ ލޮލުން އައި ކަރުނަ ފޮހެމުން އެތާ ހުރި މީހަކު ބުންޏެވެ.

އެއީ އެ މަންމަގެ ފުރާނަ އެވެ. ބައްޕަގެ ދެލޮލުގެ ކޮއެވެ. އެއްބަނޑު ތިބި ހުރިހާ ދައްތައިން ދޮށީ ދަރިއެއްގެ ގޮތުގައި ދެކޭ ލޯބިވާ ކޮއްކޮ އެވެ. ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅެވެ. އެ އާއިލާއަށް ސުލްތާން ވަކިވެގެން ދިޔައީކަން ގަބޫލު ކުރަން ދަތިވިއެވެ.

އިރުކޮޅަކާ މޫނު މަތީގައި ފިރުމާލައެވެ. ބައްދާލަން ބޭނުންވާ ކަހަލައެވެ. ހަށަން ބަނދެފައި އޮތް ދެއަތުގައި މަޑުމަޑުން ފިރުމާލައެވެ. މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެ މައުސޫމު ފުރާނަ ވަކިވެގެން ދިޔައީ މީގެ ހައެއްކަ ދުވަސް ކުރިން މަންމަ ގާތަށް އައުމަށް ޓިކެޓު ނަގާފައިވާ ކަމުގެ އުފާވެރި ހަބަރު ދިނުމަށްފަހުގަ އެވެ. އަންނަ މަހުގެ ކުރީކޮޅު ރާއްޖެ އައުމަށް ތައްޔާރުވަމުން ދިޔައީ ފަހަރުގައިވެސް މިފަދަ ގޮތަކަށް ރާއްޖެ އަންނާކަށެއް ނޫނެވެ.

ސުލްތާން އަބަދުވެސް ބޭނުންވީ ސިފައިންގެ މީހަކަށް ވެގެން ގައުމަށް ހިދުމަތް ކުރާށެވެ. އެ ހުވަފެނުގައި ކުލަ ޖެއްސުމަށް ގަދަ އަޅައި މަސައްކަތް ކުރިއެވެ. އެކުގައި އުޅުނު ރައްޓެހީންނާއި ކުލާސް ކުދިންނަށް ނޭނގޭ ކަންކަން ބުނެދިނެވެ.

ޖަމާލުއްދީން ސުކޫލުން އޯލެވެލް ނިންމުމަށްފަހު އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުން މަތީ ސާނަވީ ތައުލީމު ހާސިލުކުރަމުން މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ)ގެ ފެހި ލަޝްކަރާ ގުޅުނެވެ. އަދި އެތަނުގައި މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު ސުލްތާން އެމްއެންޑީއެފާ ގުޅުނީ 2018 ވަނަ އަހަރުއެވެ.

ކެޑޭޓު ކޯގައި ސުލްތާނު ކިޔަވައިދިން ދަރިވަރުން ސިފަކުރާ ގޮތުގައި އެއީ އެންމެ ރަނގަޅު އެއް މުދައްރިސެވެ. އޯގާތެރިކަމާއި ހިތްތިރި އެ މުދައްރިސަކީ ނަމާދަށް ފަރުވާތެރިވުމުގައި ނަމޫނާއެކެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ ސުލްތާން ފާހަގަކުރެވެނީ އެއްވެސް ކުއްޖެއް ބާކީ ނުކުރާ މުދައްރިސެއްގެ ގޮތުގައެވެ.

ސުލްތާންގެ ކުއްލި ވަކިވުމުން އޭނާގެ ރައްޓެހީންނަށް ވެސް ވަނީ ސިހުން ގެނުވައިފައެވެ. އެ ހިނިތުންވުން ދެން ނުފެންނާނެތީ ސަހަރާ ތެރޭގައި ސުލްތާންގެ އެކުވެރިން ތިބީ މޮޅިވެރިކަމުގައެވެ. އެތަނުން އެކަކު ބުނެލި އަޑު އިވުނެވެ. އެންމެ ހަނދާންވަނީ "ނަމާދު ކުރާށޭ، މާދަމާވެސް މަރުވެދާނެއޭ" ސުލްތާނު ބުނާ ވާހަކަ ކަމަށެވެ.

އއ. ހިމަންދުއަށް އުފަން ސުލްތާނުގެ ކުއްލި ވަކިވުމާއެކު އޭނާގެ ހަނދާނުގައި ސިފައިންގޭގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. އެންމެ ބޭނުންވި ހުވަފެނުގައި ކުލަ ނުޖެހުނަސް ސުލްތާނަކީ ގައުމު ފަހުރުވެރިވާ ފަދަ ގައުމީ ދަރިއެކެވެ.

އަސްކަރީ އިއްޒަތުގައި ސުލްތާނުގެ ޖަނާޒާ ކުރިއަށްގެންދިޔަ އިރު، އެތައް ހާސް ބަޔަކު ވަނީ އެ ޖަނާޒާގައި ބައިވެރިވެފައެވެ.