ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފެށުން އަވަސްކޮށްދިނުމަށް ލ. އަތޮޅު ކައުންސިލުން އެދިއްޖެއެވެ.

ލ. އަތޮޅު ކައުންސިލުން މިހެން އެދިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ހިއްސާކުރައްވަމުންނެވެ. އެގޮތުން އެ އަތޮޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފެށުން އަވަސްކޮށްދިނުމަށް އެ އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ އެދިފައެވެ.

އޭގެ އިތުރުން އެ އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިދާރާތަކުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި ބައެއް ވަސީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ވެސް ވަނީ ހިއްސާކޮށްފައެވެ. އަދި އަތޮޅުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ރިސޯޓުތަކުގެ މަސައްކަތް އަވަސްކޮށްދިނުމަށާއި، އަތޮޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދެ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުން އަވަސްކޮށްދިނުމުގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ ޕްރޮޖެކްޓު އަވަސްކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

އެބޭފުޅުން ވަނީ އަތޮޅުގެ ބައެއް ސްކޫލުތަކަށް ޖާގައިގެ ދަތިކަމާއި، ވަސީލަތްތައް މަދުކަމާއި، މުވައްޒަފުންގެ މަދުކަންވެސް ފާހަގަކުރައްވައިފައެވެ. ހަމަ އެއާއެކު އަތޮޅުގެ ބައެއް ރަށްތައް ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން އަތޮޅުގައި ޓުއަރިޒަމް ފުޅާކުރުމުގެ ޝައުގުވެރިކަން އަތޮޅު ކައުންސިލުން ވަނީ ފާޅުކޮށްފައެވެ. އަދި ރަށުގައި ވަޒަންވެރިވެގެން ތިބޭއިރު ވަޒީފާއެއް ހޯދުމަށް ނުވަތަ އެހެން ބޭނުންތަކަށް ވެސް މާލެ ނައިސް އެރަށަކުން އެ ބޭނުމެއް ފުދިގެންދާނެ ގޮތް ހަމަޖެހެން ބޭނުންވާކަމާއި، ޒުވާނުން މަސްތުވާތަކެތިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ބޭނުންވާކަން ވެސް މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ބާކީނުކޮށް އެރަށެއްގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތައް ވީ އެންމެ އަވަސް ސްޕީޑެއްގައި ކުރިއަށްގެންދިއުން ކަމަށް ވިދާޅުވި ކަމަށެވެ. އޭގެ އިތުރުން ބައެއް ކަންކަމުގައި ކަމާ ގުޅުންހުރި މުވައްސަސާތަކާ ސީދާ ވާހަކަދައްކައިގެން ހައްލު ހޯދުމަށް މަސައްކަތްކުރުމަށް ވެސް ނައިބު ރައީސް އެދިވަޑައިގެންފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.