ތަމްރީނެއް ހަދަނިކޮށް އިންޑިއާގައި މަރުވި ދިވެހި ސިފައިންގެ މީހާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

އއ. ހިމަންދޫއަށް އުފަން އުމުރުން 22 އަހަރުގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބުރާހިމް މަރުވީ މިދިޔަ ހޮނިހިރު ދުވަހު މެންދުރުފަހު އޮތް ދުވުމެއް ފުރިހަމަ ކުރަމުން ދަނިކޮށެވެ. އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިންޑިއާގެ ނެޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ވަނީ އޭނާގެ މަރުވި ސަބަބު ބެލުމަށް ޕޯސްޓް މޯޓަމް ހަދަން ނިންމާފަ އެވެ. ނަމަވެސް އާއިލާގެ މީހަކު މިއަދު "ވަން" އަށް ބުނީ ސުލްތާނުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުން ނުވާތީ ޕޯސްޓްމޯޓަމް ހަދާފައި ނުވާ ކަމަށެވެ.

ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު 12:43ގައި ވަނީ ރާއްޖެ ގެނެސްފަ އެވެ.

އާއިލާގެ ފަރާތުން ވާހަކަ ދައްކަމުން ސުލްތާންގެ ދައްތަ ސާރާ އިބްރާހިމް ބުނީ ސުލްތާނުގެ ހަށިގަނޑު އާ ސަހަރާ އަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭނާގެ ޖަނާޒާގެ ކަންކަން މިއަދުގެ މަޣުރިބު ނަމާދަށްފަހު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސާރާ ބުނީ ސުލްތާނުގެ މަރުގެ ހަބަރު އާއިލާއަށް ދިނީ ހޮނިހިރު ދުވަހު ސިފައިންގެ ބޭކަލުން އެގެއަށް ވަޑައިގެން އޭނާގެ މަންމަ އާއި ބައްޕަ އެމްއެންޑީއެފްގެ ހެޑްކުއާޓާޒް އަށް ގެންގޮސްގެން ކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ މަންމަގެ ހާލަތު ގޯސްވެފައިވާ ކަމަށް ވެސް ބުންޏެވެ.

ސުލްތާނަކީ އެ އާއިލާގެ ހުރި ހަމަ އެކަނި ފިރިހެން ކުއްޖާ އެވެ.

އެމްއެންޑީއެފުން ބުނީ ސުލްތާނުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ.

ސުލްތާން ސިފައިންގެ ހިދުމަތާ ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ. އޭނާ ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗް އެއް ވަނަ ދުވަހުން ފެށިގެން 2024 މާރިޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރަމުން ދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓާޒް (ޖޭ-1)ގައެވެ.