އަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ތައްޔާރުވަމުންދާ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ފައިނަލް ސްކޮޑު އިއުލާންކޮށްފިއެވެ.
ގައުމީ ޓީމުން ގަތަރުގައި ފުރިހަމަ ކުރަމުން ދިޔަ ތަމްރީނުތައް ފުރިހަމަކޮށް ނިންމާލައިފައިވާ އިރު، މުބާރާތަށް އިއުލާން ކުރީ 24 ކުޅުންތެރިންގެ ސްކޮޑެކެވެ. ކުރިން ފުރަތަމަ އިއުލާން ކުރި ޕްރިލިމިނަރީ ސްކޮޑުގައި 34 ކުޅުންތެރިޔަކު ހިމެނުނު ނަމަވެސް އޭގެ ތެރެއިން ގަތަރުގެ ކޭމްޕަށް ދިޔައީ 29 ކުޅުންތެރިއެކެވެ. އޭގެ ތެރެއިން ފައިނަލް ސްކޮޑުން ފަސް ކުޅުންތެރިޔަކަށް ޖާގަ ގެއްލިފައިވާ އިރު، ފާހަގަކޮށްލެވުނީ ކޯޗު އަލީ ސުޒޭން ތަޖުރިބާކާރު ކުޅުންތެރިންނަށް ފުރުސަތު ދީފައިވާ ކަމެވެ.
މިވަގުތު ޓީމުގައި ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަކުރަމް އަބްދުލްޣަނީއާއި އަލީ އަޝްފާގު (ދަގަނޑޭ) އަދި އަސްހަދު އަލީ (އަޑުބަރޭ) އަށްވެސް ކޯޗު ސުޒޭން ޖާގަ ދީފައިވާ އިރު، މުޅިން އަލަށް މުބާރާތަށް ނުކުންނާނެ އަށް ކުޅުންތެރިޔަކު ސްކޮޑުގައި ހިމަނާފައިވެއެވެ.
އެއީ މާޒިޔާގެ އިބްރާހިމް އައިސަމް އާއި ޔުނައިޓަޑް ވިކްޓަރީގެ އަލީ ހައިޝަމް (ޗުމްޕު) އާއި ޒުވާން ގޯލްކީޕަރު އަލީ ނާޖިހާއި ކްލަބު އީގަލްސްގެ ހުސެއިން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ނާއިމް އާއި ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަދި ދަ ގްރާންޑޭގެ ގާސިމް ސައްމާމް (ސައްމޭ) އެވެ.
ސްކޮޑުން ބާކީވި ކުޅުންތެރިނަކީ މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި ޓީސީ ސްޕޯޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓޭ) އަދި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.
ފައިނަލް ސްކޮޑުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުރިން ޓީމުގެ ކެޕްޓަން ކަމުގައި ހުރެފައި ރިޓަޔާ ކުރި އަޑޭގެ ނަމެވެ. އަނިޔާގެ ސަބަބުން އެތައް ދުވަހެއް ވަންދެން ފުޓުބޯޅައާ ދުރުގައި ހޭދަކުރި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޑޭ، މިހާރު ކުޅެމުން ދަނީ ކްލަބު އީގަލްސް އަށެވެ. ތަޖުރިބާކާރު މިޑްފީލްޑަރު އަޑޭ ވަނީ އެންމެފަހުން އީގަލްސް އިން އޭއެފްސީ ކަޕުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި މުހިންމު ކުޅުމެއް ދައްކައިފައެވެ. އެ މެޗަށް އޭނާ ނުކުތީ ސީޒަންގައި އެއްކޮށް ކަހަލަ ގޮތަކަށް އަނިޔާގައި ހުރުމަށްފަހުގައެވެ.
އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު މާޗު މަހުގައެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗު ބޯމަތީގައި އޮއްވައި އަޑޭ ކުއްލި ގޮތަކަށް ގައުމީ ޓީމާ ދުރަށް ދިޔަކަން އިއުލާން ކުރީ އޭރު ޓީމާ ހަވާލުވި ކޯޗު ޕީޓާ ސެގަޓާ ދެމެދު މައްސަލަތަކެއް ޖެހިގެން ކަމަށް އޮތީ ބެލެވިފައެވެ.
- މުހައްމަދު ޝަފީއު (ޗެކު)
- ސަމޫހު އަލީ (ސަމުއްޓެ)
- އަހުމަދު ނޫމާން (ހެލްމެޓް)
- ހުސައިން ޝިފާއު ޔޫސުފް (ކްރޯ)
- މުހައްމަދު އުމައިރު
- އިސްމާއީލް އީސަ
- އަލީ އަޝްފާގު (ދަގަނޑޭ)
- އިބްރާހީމް އައިސަމް
- އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)
- މުހައްމަދު ނާއިމް
- ގާސިމް ސައްމާމް
- އަކްރަމް އަބްދުލްޣަނީ (އަކޫ)
- އަލީ ހައިޝަމް (ޗުންޕު)
- އަލީ ފާސިރު (ސެންޓޭ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- އަސަދުﷲ އަބްދުﷲ (އަސައްކޮ)
- އަލީ ނާޖިހު
- ހައިޝަމް ހަސަން (ބިޑި)
- އަސްހަދު އަލީ (އަޑޭ)
- މުހައްމަދު ފައިސަލް
- ހުސައިން ނިހާން (ނިހާޓު)
- އިބްރާހީމް ހަސަން ވަހީދު (އިއްބެ)
- ނާއިޒު ހަސަން (ދާދު)
- ހަސަން ރާއިފް (ހަންނަ)
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް