ޚަބަރު

އެމްޑީޕީގެ އިންތިހާބުން ޔަގީންވީ ބަރުލަމާނީ ނިޒާމަށް ތާއީދު ނެތްކަން: މަވޯޓާ

އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުން ސާފުވެގެންދިޔަ ހަގީގަތަކީ ބަރުލަމާނީ ނިޒާމަށް އެމްޑީޕީގެ ތެރޭގައި ތާއީދު ނެތްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

މަވޯޓާ މިހެން ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ގައުމީ މަޖިލީހުގެ 65 ގޮނޑި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ލިބިފައިވާތީއެވެ. އަދި އިންތިހާބުގެ ގިނަ ދާއިރާތަކަށް ހޮވިފައިވަނީ ރައީސްގެ ކެންޑިޑޭޓުން ކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މަވޯޓާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ ވާދަވެރި އިންތިހާބުން ހާމަވެގެންދިޔަ ހަގީގަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ވަކާލާތު ކުރާ ގޮތާ އިދިކޮޅަށް އެޕާޓީގެ ތެރޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނެތްކަން ކަމަށެވެ.

"އަޅުގަނޑަށް ޔަގީން މިއަދުވެސް ނިޒާމުގެ ވޯޓެއް ނަގައިފިނަމަ ރިޔާސީ ނިޒާމަށް ތާއީދު ލިބޭނީ. އިއްޔެގެ އެމްޑީޕީގެ އިންތިހާބުން ހާމަވި ކަމަކީ މީގެ 12 އަހަރު ކުރިން ނެގި ނިޒާމީ ވޯޓަކީ މިއަދުވެސް ރައްޔިތުން ބޭނުންވާ ގޮތްކަން. އަދިވެސް ގިނަ އަދަދެއްގެ ރައްޔިތުން ބޭނުން ވަނީ ރިޔާސީ ނިޒާމު،" މަވޯޓާ ވިދާޅުވިއެވެ.

މަވޯޓާ ވިދާޅުވީ މިވަގުތު ގައުމަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމަކީ މިގައުމަށް އެންމެ ރަނގަޅު ނިޒާމު ނޫން ކަމަށެވެ. އެގޮތުން ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުން ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި ބޭނުންވާ މިންވަރަށް އިގުތިސޯދު ކުރިއަރުވަން ފުރުސަތު ލިބިގެން ނުދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރިޔާސީ ނިޒާމެއްގައި ބާރު ލިބިގެންވަނީ ކޮން ބަޔަކަށް؟ ކުރުކޮށް ބުނާނަމަ ރައްޔިތުންނަށް. އެއީ ރައްޔިތުން ރައީސް ހޮވަނީ، ރައްޔިތުން މަޖިލީހަށް މެމްބަރުން ހޮވަނީ އަދި ރައްޔިތުން ސަރުކާރު ޖަވާބުދާރީވެސް ކުރުވަނީ،" މަވޯޓާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގުމަށްޓަކައި ގާއިމު ކުރަންޖެހޭ ސިޔާސީ ހަމަޖެހުން ގާއިމު ނުކުރެވޭނެ ކަމަށެވެ. އެގޮތުން ގައުމު ތަރައްގީ ކުރުމަށާއި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވެ، އަރައިގަތުމަށް ބަރުލަމާނީ ނިޒާމުން ހުރަސް އެޅޭނެ ކަމަށް މަވޯޓާ ވިދާޅުވިއެވެ.

މަވޯޓާ މިގޮތަށް ވިދާޅުވެފައިވާ އިރު، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެންޑިޑޭޓުންތަކެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. އިއްޔެގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިންވެސް ރައީސް ނަޝީދު ފާޅުގައި ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރި ކެނޑިޑޭޓުންނަށެވެ.

ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޕާޓީ ތެރެއިން އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުންވެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދުކޮށް އެކަމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ވަނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމުން ގެނައުމަށްޓަކައި ކެމްޕެއިން ފަށައި، އެކަމަށް ތާއީދުކޮށް ޕެޓިޝަނެއްގައިވެސް ސޮއިކުރަން ފަށައިފައެވެ. ނަމަވެސް އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުންނެވި، ރައީސް ސޯލިހު ސީދާ ގޮތުން އެ މަސައްކަތަށް ތާއީދު ކުރެއްވުމުގެ ގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރައީސް ސޯލިހަށް ތާއީދު ކުރާ ފަރާތްތަކުން ބަރުލަމާނީ ނިޒާމު ޕްރޮމޯޓު ކުރަމުންދާ ތަނެއް ނުފެނެއެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ބަރުލަމާނީ ނިޒާމުގެ މޮޅު ވާހަކަ ދެއްކެވި ނަމަވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން އެ ނިޒާމަށް ތާއީދު ކުރައްވައި ވާހަކަދައްކަވާ ތަނެއް ނުފެނެއެވެ.