މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ހަރަދުކުރުމަށްޓަކައި އަހަރަކު އެއް ބިލިއަން ޑޮލަރު ހަރަދުކުރަން މުއްސަނދި ގައުމުތަކުން ވެފައިވާ ވައުދު ފުއްދުމަށް އދ ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވައިލައްވައިފިއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދާ ގްލޯބަލް ސިޓިޒަންސް ކޮންސާޓް ބަލަން ވަދެ ތިބި 60،000 އަށްވުރެ ގިނަ މީހުންނާ މިއަދު މުހާތަބުކުރައްވައެވެ.
ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާގެ ޒިންމާ އެންމެން ނަގަން ޖެހޭ ކަމަށާއި އެއީ އެކަމުން އެންމެންނަށް އަސަރުކުރާތީ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށާއި އަދި ދުނިޔޭގެ މަޝްހޫރު ފަންނާނުން ބައިވެރިވި އެ ކޮންސާޓްގައި ވާހަކަދައްކަވަން ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ވެސް ލަވަ ކިޔޭނެ ނަމައޭ ހިތަށް އަރާ. އެކަމަކު މި ހާލަތުގައި، އަޅުގަނޑު އެންމެ ރަނގަޅުވާނީ މޫސުމީ ބަދަލާ ބެހޭގޮތުން ދައްކަން ހުރި ވާހަކަތައް ދެއްކިއްޔާ،" ޝާހިދު ވިދާޅުވިއެވެ.
ސިނާއީ ޒަމާނުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރި ވަރަށް ވުރެ ފިނިހޫނުމިން މަތިވާ ވަރު 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ ކުޑަކުރުމަކީ ބައިނަލްއަގުވާމީ އަމާޒެކެވެ. އެގޮތުން ޝާހިދު ވަނީ އެ އަމާޒަށް ވާސިލުވެވޭ ގޮތަށް ދުނިޔޭގެ ވެރިން މަސައްކަތްކުރެއްވުމަށް ގޮވައިލައްވައިފައެވެ.
"އަދި އަޅުގަނޑު ގޮވާލަން، މުއްސަނދި ގައުމުތަކުން މީގެ ފަސް އަހަރު ކުރިން ވީ ވައުދު ފުއްދަން. އެއީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކްލައިމެޓް ފަންޑިންގެ ގޮތުގައި އަހަރަކު 100 ބިލިއަން ޑޮލަރު ހަރަދުކުރަންވީ ވައުދު. އޭގެ ދެބައިކުޅަ އެއްބައި ދާން ޖެހޭނީ ކްލައިމެޓް އެޑަޕްޓޭޝަނަށް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އަސަރު އެންމެ ފުރަތަމަ ކުރާނެ ގައުމު ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަކީ، މި ގަރުނު ނިމޭއިރު ގެއްލިގެން ހިނގައިދާނެ ތަނެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު