އިންޑިއާއިން ސާފް ޗެމްޕިއަންޝިޕަށް ގެންނަ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފިއެވެ.
އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް އިއުލާންކޮށްފައިވާ ސްކޮޑުގައި މިފަހަރު ސީނިއާ ގައުމީ ޓީމަކަށް ފުރުސަތު ދީފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެންމެ ފަހުން ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތަށްވެސް އިންޑިއާއިން 23 އަހަރުން ދަށުގެ ޓީމަށް ބޮޑަށް ސަމާލުކަން ދީފައިވާ އިރު، މިފަހަރު ނަގައިފައި ވަނީ ސީނިއާ ޓީމެކެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި މާދަމާ ޓީމު ބެންގަލޫރަށް ރިޕޯޓުކުރާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު، އަންގާރު ދުވަހު ޓީމު އެއްކޮށް ރާއްޖެ އަންނާނެއެވެ. އިންޑިއާ ޓީމުގެ ކޯޗިން ސްޓާފުން ޓީމާ ގުޅޭނީ ރާއްޖެއިންނެވެ. ރަސްމީކޮށް މިއަދު އިންޑިއާއިން ސާފަށް ސްކޮޑު އިއުލާން ކުރި ނަމަވެސް، އެންމެ ފަހުން އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައިވެސް އިންޑިއާއިން ވަނީ ސާފަށް ތައްޔާރުވުމަށް މެޗުތައް ކުޅެފައެވެ. ނޭޕާލާ ދެކޮޅަށް އެގައުމުގައި ދެ މެޗު ކުޅެފައިވާ އިރު، މިދިޔަ މަހުން ފެށިގެން އެގައުމުގެ ކުޅުންތެރިން ވަނީ ތަމްރީނުތަކަށްވެސް ނުކުމެފައެވެ.
"އޭޝިއާގެ މި ސަރަހައްދަށް އެންމެ ހާއްސަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ. އެ މުބާރާތުގައި ކުޅޭ، ހަތަރެއް ނޫނީ ފަސް މެޗަކީ ވަރަށް މުހިއްމު މެޗުތަކެއް. އެ މުބާރާތަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ކުރިންވެސް ޓީމު އެއްތަން ވެލަން ލިބޭނެ އެންމެ މުހިއްމު ފުރުސަތު. އެހެންވީމަ އެ މެޗުތައް މުހިއްމު ވާނެ،" ކޯޗު ސްޓިމަކް ބުނެފައިވެއެވެ.
އިންޑިއާއިން މިހާތަނަށް ހަތް ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ އިރު، އެ މުބާރާތުގައި ރާއްޖޭގެ އެންމެ ބޮޑު ވާދަވެރީންނަކީވެސް އިންޑިއާއެވެ. ރާއްޖެއިން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ އިރު، ދެ އަހަރުގައިވެސް ފައިނަލް ކުޅެފައިވަނީ އިންޑިއާއާ ދެކޮޅަށެވެ.
އިންޑިއާއިން އިއުލާން ކުރި ސްކޮޑުގައި ކެޕްޓަން ސުނިލް ޗެތުރީއާއި ގޯލްކީޕަރު ގްރަޕްރީތު ސިންހު ސަންދޫގެ އިތުރުން ޑިފެންޑަރު ސްބަހަސީޝް ބޯޝްވެސް ފާހަގަކޮށްލެވިފައިވާ އިރު، ޓީމުގައި ސަންދޭޝް ޖިންގަން ހިމަނައިފައެއް ނުވެއެވެ. ސަންދޭޝް މިހާރު ކުޅެމުންދަނީ ކްރޮއޭޝިއާގެ އެއްވަނަ ޑިވިޝަން ޓީމަކަށެވެ.
މި މުބާރާތުގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ހަތްވަނަ ދުވަހު އެޓީމުން ލަންކާއާ ދެކޮޅަށް ނުކުންނަ އިރު، ލީގު ބުރުގައި ދެން ނޭޕާލާ ދެކޮޅަށް ނުކުންނާނީ އޮކްޓޯބަރު 10 ވަނަ ދުވަހުއެވެ. ރާއްޖެއާއި އިންޑިއާ ކުޅޭނީ އޮކްޓޯބަރު 13 ވަނަ ދުވަހުއެވެ.
- ގޯލްކީޕަރުން
ގްރަޕްރީތު ސިންހު، އަމްރިންދާ ސިންހް، ވިޝާލް ކައިތު
- ޑިފެންޑަރުން
ޕްރިތަމް ކޮޓަލް، ސެރިޓޮން ފެނާންޑޭސް، ޗިންގްލެސާނާ ސިންގް، ރާހުލް ބެކޭ، ސުވަހަޝީސް ބޯޝް މަންދަރު ރާއޯ ޑެސާއީ
އުދަންތާ ސިންހް، ބްރޭންޑޮން ފެނާންޑޭސް، ލަލެންގްމާވިއާ، އަނިރުދް ތާޕާ، ސަހަލް އަބްދުލް ސަމަދު، ޖީކްސަން ސިންހް، ގްލެން މާޓިންސް، ސުރޭޝް ސިންގް، ލިސްޓޮން ކޮލަކޯ، ޔާސިރު މުހައްމަދު
މަންވީރު ސިންހް، ރަހީމް އަލީ، ސުނިލް ޗެތުރީ، ފަރުކް ޗޯދުރީ
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް