އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުން އެސްޓޮން ވިލާ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުން ޕޮއިންޓެއް ހޯދުމަށް ފަހު މިނެޓުގައި ޔުނައިޓެޑަށް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައެވެ. ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ބްރޫނޯ ފެނާންޑޭޒް ކުރިއަށް ފޮނުވާލި ނަމަވެސް އެ ޕެނަލްޓީ ދިޔައީ މާ މަތިން ބޭރަށެވެ.

ޔުނައިޓެޑަށް ޕެނަލްޓީ ލިބުމާއެކު އެސްޓޮން ވިލާގެ ކުޅުންތެރީން ވަރަށް ބޮޑަށް ރެފްރީ އަށް ޝަކުވާ ކޮށް، ޕެނަލްޓީ އަށް ވަގުތު ޑިލޭ ކޮށްލާފައިވާއިރު، މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްސްޖާ ބުނެފައި ވަނީ ބްރޫނޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ޕެނަލްޓީގެ ކުރިން އެސްޓޮން ވިލާގެ ކުޅުންތެރީން އުޅުނު ގޮތުން ކަމަށެވެ.

"ފުރަތަމަ ކަމަކަށް ޕެނަލްޓީ ސްޕޮޓް ކައިރީގައި، ބްރޫނޯގެ ކައިރީގައި އެސްޓޮން ވިލާގެ ކުޅުންތެރީން އުޅުނު ގޮތް އަހަންނަށް ބަލައިގަންނަން އުނދަގޫ. އެކަން އޮންނަން ވާނެ ގޮތެއް ނޫން އެއީ އަސްލު. އާންމުކޮށް ބްރޫނޯ އަކީ ޕެނަލްޓީގެ ކުރިން ކުރިމަތިވާ އުނދަގޫތަކަށް ރަނގަޅަށް ސިކުނޑި ހާނައިލާނެ ކުޅުންތެރިއެއް ނަމަވެސް އިއްޔެ ނާކާމިޔާބު ވީ،" ސޮލްސްޖާ ބުނެފައިވެއެވެ.

ޔުނައިޓެޑަށް ޕެނަލްޓީ ލިބުނުއިރު ޕޯޗުގަލްގެ ކެޕްޓަން، އަދި އިތުބާރު ޕެނަލްޓީ ޖެހުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ދަނޑު މަތީގައި ހުރުމާއެކު، ރޮނާލްޑޯ އަތަށް ޕެނަލްޓީ ނުދިނީ ކީއްވެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެ ސުވާލުތަކާ ގުޅިގެން ސޮލްސްޖާ ބުނެފައި ވަނީ ޕެނަލްޓީ ޖަހާނެ ކުޅުންތެރިޔާ އޮތީ މެޗުގެ ކުރިން ނިންމާފައި ކަމަށެވެ.

ރޭގެ މެޗުގައި އެސްޓޮން ވިލާއިން ޖެހި ހަމައެކަނި ގޯލް ޖެހީ ކޯޓްނީ ހައުސް އެވެ. އޭނާގެ ގޯލް ފެނިގެން ދިޔައީ 88 ވަނަ މިނެޓުގަ އެވެ.