ޚަބަރު

ރަސްފަރީ ފަރަށް ބޯޓު އެރުން: ފަރުން ހެކްޓަރެއް ވަނީ ފުނޑިފައި، ބަދަލުގެ އަގު 900 މިލިއަނަށް އަރާ: އީޕީއޭ

އައިޝަތު ނިއުޝާ

ކ.ރަސްފަރީ ފަރަށް އާގު ބޯޓެއް އެރުމުގެ ސަބަބުން އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ބޯޓުގެ ވެރި ފަރާތުން ގާތްގަނޑަކަށް 900 މިލިއަނެއްހައި ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް މިއަދު ވިދާޅުވީ، ފަރަށް ލިބުނު ގެއްލުމާ ގުޅޭ ދިރާސާ ހަދައި މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި ސާވޭގެ ނަތީޖާއަށް ބަލާއިރު ފަރުގެ ހެކްޓަރެއްހާ ސަރަހައްދަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.

ނައީމު އިތުރަށް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 900 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި، އީޕީއޭއިން ވަރަށް އަވަހަށް އާގު ބޯޓާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށެވެ.

އިންޑިއާގެ ޓުޓިކޮރިން ބަަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރު ކުރަމުންދިޔަ ޕެނަމާގެ ބިޔަ އާގު ބޯޓެއް ކަމަށްވާ ނެވިއޯހަމަރީޑިސް، މިދިޔަ އޯގަސްޓް މަހުގެ 17 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ރަސްފަރީ ފަރުގެ 12 ނޯޓިކަލް މޭރު ދުރުގައި އޮއްވައި، އިންޖީނު ހުއްޓިގެން އެރަށު ފަރަށް އެރީ އެ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި 150 ޓަނާއި 50 ޓަނުގެ ދެ ޓަގު ބޯޓު ބޭނުންކޮށްގެން، ފަރަށް އުރުނު އާގު ބޯޓު ފުންކޮށްފައިވަނީ އެ މަހުގެ 29 ވަނަ ދުވަހުގައެވެ.

ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ފަރެކެވެ. އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އެ ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އައުމުގެ ކުރިން ބޯޓު ފުރަން ބޭނުން ވާ ނަމަ، 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށްފަހު ނޫނީ ނުފުރޭނެ ކަމަށް އީޕީއޭ އިން ވަނީ ކުރީން އޮތީ ބުނެފައެވެ.