އެޑްވަޓޯރިއަލް

މޫކޭ - އޯކޭ، އެމްޑީޕީ ގައުމީ މަޖިލީހަށް އެންމެ މުހިންމު އެއް ނަން

ހެދިބޮޑުވަމުންއައިސް، ފުރާވަރަށް އަރައި، ކަންކަމަށް ވިސްނުން ހިންގޭ ފުރައިން ފެށިގެންވެސް "ގޮތެއް" ހުންނާނެއެވެ. "ގޮތް" ދޫކުރާކަށް ވެސް ނޫޅޭނެއެވެ. އެ ގޮތަކީ އެކަމެއްގައި ރަނގަޅެއް އޮތް ކަމެއް ކަމަށް ވަންޏާއެވެ. އެހެންނަމަވެސް، އެއީ ރަނގަޅެއް އޮތް އަދި ގެއްލުމެއް ނެތް ކަމެއް ކަމަށް ވަންޏާ، ދާދި ފަސޭހައިން ގޮތް ދޫކުރާނެއެވެ. ކަމަކަށް ކުރިމަތި ލައިފި ނަމަ، އެކަމެއް ހާސިލު ނުވަނީސް ދޫކޮށެއް ނުލާނެއެވެ. ދިރުން ހުރި އުއްމީދެއްގައި ފަހަތަށް އެނބުރި ބެލުމަކާ ނުލައި ކުރިޔަށް ދާނެއެވެ. ވެއްޓޭ އިރަށް އަވަހަށް ތެދުވެ، ހިންދެމިލައި ކުރިޔަށް، އިހުނަށްވުރެ ބާރަށް ކުރިޔަށް ދާނެއެވެ. އިންސާފުގެ ތިލަފަތް މުހިންމުވެފައި ހައްގު މިންވަރު ކަށަވަރު ކުރާނެއެވެ. ރައްޓެހިންނަށް ކަމޭހިތައި، އެއްބައެއްވަންތަކަން ދެމެހެއްޓުމަށް ބާރު އަޅާނެއެވެ. މިއީ މިސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން އެންމެ ޒުވާން އެމްޑީ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ އަށް އުފަން އަލްއުސްތާޛު މޫސާ އަލިމަނިކު، ނުވަތަ އޭނާގެ ހާއްސަ ނަމުން ނަމަ، "މޫކޭ" އެންމެ ފަސޭހައިން ސިފަކޮށްދެވޭނެ ކަންކަމެވެ.

މޫކޭގެ ލޮބުވެތި މަންމަގެ ބަހުންނަމަ، "އެއީ ކަމަކާ ކުރިމަތިލައިފިއްޔާ އެކަން ނުކޮށް ހުއްޓާލާނެ ކުއްޖެއް ނޫން. ވެއްޓި ތަނަކަށް ތަދުވިޔަސް އިރުކޮޅަކުން ހަނދާން ނެތޭނެ. އެއަށްވުރެ އަވަހަށް ތެދުވެ ކުޑަކޮށް ފެންކަޅިވެފައި އަނެއްކާ އެކުރަން އުޅޭ ކަމަކާ ކުރިމަތިލާނެ. އެކަމެއް ކާމިޔާބު ކޮށްފައި ނޫނީ ހަމަ ހިލާ ހުއްޓައެއް ނުލާނެ." އެވެ.

ބޮޑުވެ ކިޔަވައިގެން ނުކުމެ، އެންމެ ފުރަތަމަވެސް މޫކޭ ކުރިމަތިލީ، އޭނާއަށް އެނގުނު އެއްޗެއް، ރަށުގެ އެހެން ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތާ އެވެ. ރަށުގެ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއަށް ކުރިމަތިލީ ވަގުތީ ގޮތުންނެވެ. ވަގުތީ ޓީޗަރެއްގެ ގޮތުގައެވެ. މޫކޭ ސަރ އޭ ބުނެ ގޮވައިލާނެ އެތައް ކުދިންނެއް މަޑުއްވަރީން މޫކޭއާ މިހާރު ވެސް ދިމާ ވެއެވެ. ރަށުގެ ޒުވާނުންގެ މެދުގައި މޫކޭ މަގުބޫލުވުމުގެ ސިއްރަކީ އެއީ އެވެ. ރަށުގެ ޒުވާނުންނާއި، ބެލެނިވެރިންގެ ލޯތްބާއި އިހުތިރާމު، މޫކޭއަށް ލިބިގެންދިޔައީ އެ ގުޅުމުގެ ސަބަބުންނެވެ.

ކިޔަވައިދިނުމަށް ރަށުގައި ދުވަސްކޮޅެއް ހޭދަކުރުމަށްފަހު، މޫކޭ ދެން ފެނުނީ އެ އަތޮޅު އުނގޫފާރު އޮފީސް ތެރެއިން ނެވެ. އުނގޫފާރު ކުޑަކަތީބެއްގެ މަގާމުންނެވެ. މުޅި ރަށަށް، ރަށުގެ ތަރައްގީއަށް އަދި އިޖުތިމާއީ ދިރުމަށާއި އިގުތިސޯދީ ކުރިއެރުމަށް މޫކޭގެ ވިސްނުން ގޮސް ހުއްޓުނީ އެހާ ހިސާބުންނެވެ. ވަކި ހިސާބަކުން މޫކޭގެ މިސްރާބު ހައްގާއި ބާތިލު ވަކިކޮށްދޭ ގާނޫނީ މަގަށް ބަދަލުވެގެން ދިޔައެވެ. ގާނޫނީ ރޮނގުން، ގާނޫނީ ވަކީލުކަމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނިންމައި ތިން އަހަރު ދުވަހު، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. މޫކޭގެ ދުލުގެ ހަލުވިކަމާއި ބަސްމޮށުންތެރިކަމުގެ ފަންނަށް އިތުރު ދިރުމެއް ލިބި ގާނޫނީ ދާއިރާއިން މޫކޭގެ ފުންނާބު އުސްވާން ފެށީ އެހައި ހިސާބުންނެވެ. ހަމަ އެއާއެކު ރާއްޖޭގައި އިންސާފުގެ މަގަށް ކުރެވެމުންދިޔަ މަސައްކަތްތަކަށް މޫކޭގެ ހިތް ޖެހި އެމަގަށް ވިސްނުމާއި ފިކުރު ފުރޮޅިގެންދިޔައެވެ. މަޑުމަޑުން ސިޔާސީ މައިދާނާ ގާތް ވަމުން ދިޔައެވެ. އިސްލާހަށް ކުރެވެމުންދިޔަ މަސައްކަތްތަކާ ކުރިމަތިލައި، އަމަލީ ގޮތުން މަސައްކަތަށް ނުކުތެވެ.

ހައްގުބަސް ބުނެ، އިންސާފުގެ ވާހަކަ އެންމެ ބާރަށް ދައްކާ މީހުންގެ ތެރެޔަށް ވަދެވި، ސިޔާސީ މީހަކަށް ވެއްޖެ އެވެ. އެހައި ހިސާބުން، މުޒާހަރާތަކުގައި އިސްސަފުން ހައްޔަރުކުރާ މީހުންގެ ތެރޭގައި މޫކޭ ވެސް ގުނެން ފެށުނެވެ. އެމްޑީޕީގެ އިސް ސަފުގައި އިންސާފުގެ އަޑު އެންމެ ބާރަށް ދައްކާ މީހެއްގެ ގޮތުގައި މޫކޭ ލޭބަލް ކުރެވިގެން ދިޔައެވެ. ޖަލަށް ލެވި، އަނިޔާވެރި ކަޅު އެތައް ރެޔެއް މޫކޭގެ ހަޔާތުގެ ދުވަސްތަކުގެ ތެރޭގައި ގުނަން މަޖުބޫރު ވިއެވެ. އެކަމަކުވެސް އަނިޔާއަކަށް ފަހަތަކަށް ނުޖެހެ އެވެ. ޖަލުން ދޫކޮށްލާ ދުވަހުވެސް މުޒާހަރާ ތަކުގެ އެންމެ އިސް ސަފުން މޫކޭ ފެންނަމުން ދިޔައެވެ.

މިއަދު މޫކޭ އެހުރީ އަނެއްކާވެސް މައިދާނަށް ނުކުމެއެވެ. މިފަހަރު މަގުމައްޗަށް ނުކުތީ ސަރުކާރުގެ ހިދުމަތުގަ އެވެ. ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެންމެ އިސް މަގާމުގައެވެ. އެކުންފުނީގެ ޒުވާން މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގަ އެވެ. ކުންފުނީގެ އެންމެހައި މުވައްޒަފުންގެ ލޯތްބާއި އިހުތިރާމު މޫކޭވަނީ ހޯދާފައެވެ. ކުންފުނީގެ ކުރިއެރުމަށާއި މުވައްޒަފުންގެ ލާބަ އާއި މަންފާއަށް އެތައް ކަމެއް ކުރެވި އެންމެ ފުރިހަމަ ނަތީޖާ ނެރެވޭނެ މަސައްކަތު މާހައުލެއް މޫކޭ ވަނީ ގާއިމު ކޮށްފަ އެވެ. ރާއްޖޭގެ އެކި ރަށްރަށުގެ މަގުހެދުމުގެ ތަފާތު އެތައް ޕްރޮޖެކްޓްތަކެއް މޫކޭގެ ފުރިހަމަ ބެލުމުގެ ދަށުން މިހާރުވެސް ކުރިޔަށް އެބަދެއެވެ. އެންމެ ޒަމާނީ ފެންވަރަށް މަގުތައް ހެދި، އުފާވެރި މާހައުލެއް ރައްޔިތުންނަށް ޓަކައި ހޯދައިދިނުމަކީ މޫކޭގެ ޓީމުގެ އަޒުމެވެ. އަމާޒެވެ.

ދެންއޮތީ އޭނާގެ އުފަން ރަށް މަޑުއްވަރީ އެވެ. މަސްވެރި ރަށެކެވެ. މޫކޭ އަކީ ރަށުގެ އާދައިގެ އާއިލާއަކުން އައިސް ހުރި، ރަށުގައި ރަހުމަތްތެރިންނާއި ރައްޓެހިން ގިނަ މީހެކެވެ. ރަށުގެ ރައްޔިތުންގެ ތަރައްގީގެ ވިންދު މޫކޭގެ ހިތާވަނީ ގުޅިފައެވެ. ތަސައްވުރަކާއެކު މޫކޭވަނީ މަޑުއްވަރީ އާއި މީދޫގެ ތަރައްގީ މާކުރިންވެސް ކުރަހައި ނިންމައިފައެވެ. ދެރަށުން ވެސް މިހާރު ފެންނަމުންއެދާ ތަރައްގީގެ ކުލަވަރަކީ މޫކޭގެ ގުރުބާނީގެ އަގެވެ. އެކަން ވަޒަން ކުރާ އެތައް ބަޔަކު އެ ދެރަށުގައި އެބަ ތިއްބެވެ. މަޑުއްވަރީ އާއި މީދޫގެ ތަރައްގީ އަށް ޓަކައި މޫކޭގެ ހިތުގައި ކުރަހާފައިވާ ތަސައްރަފު ފުރިހަމަ އެވެ. އެ ކުރެހުމުގައި ހަގީގީ ކުލަ ޖެހި ފައްކާ ވުމުގެ ކުރީން މޫކޭގެ މަސައްކަތާއި ހިތްވަރަށް ހުއްޓުމެއް ނެތެވެ. އެދެރަށުގެ ތަރައްގީއަށް ޓަކައި މޫކޭ އެހުރީ އަރުވައި ޖަހައިގެންނެވެ. އެ ފުރުސަތު ހޯދުމަށް ޓަކައި މޫކޭ މިއަދު އެ ހުރީ ރައްޔިތުންގެ ހާދިމަކަށް ވާން ރައްޔިތުންގެ ކުރިމައްޗަށް ހުއްޓިގެންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ އުއްމީދީ ކެންޑިޑޭޓުގެ ގޮތުގައެވެ. އެ ދާއިރާގެ ރައްޔިތުންނަށް ޓަކައި ދެމެހެއްޓެނިވި ތަރައްގީއެއް ގެނެސްދިނުމަށް މޫކޭގެ އޮތީ ދިރުން ހުރި އުއްމީދެކެވެ.

ތަރައްގީގެ ވާހަކަ ދައްކައި މޫކޭގެ ދޫ ވާޅެއް ނުވާނެ އެވެ. ކިތަންމެ ގިނައިރަކު އެ ވާހަކަ ދެއްކިޔަސް އަޑު ކުރަކިވެގެނެއް ނުދާނެ އެވެ. އަމަލީގޮތުން އެމަސައްކަތް ފަރުމާކުރުމުގައި މޫކޭގެ ވިސްނުން ކޮށްޓެއް ވެސް ނުވާނެ އެވެ. އެއީ ދުރު ވިސްނޭ ޒުވާނެކެވެ. ކޮންމެ ކަމަކަށް ވެސް ހައްލެއް ހޯދާނެއެވެ. މޫކޭގެ އަޒުމް ހަރުދަނާ ވެފައި ވަރުގަދަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީދާއިރާގެ ރައީސްކަމުގެ މަގާމަކީ މޫކޭ އަށް އާ މަގާމެއް ނޫނެވެ. މިފަހަރުވެސް ކުރިމަތިލައިގެން އެ އުޅެނީ އާ ކަމަކަށް ނޫނެވެ. އެކަމަށް ފަރިތަ މީހަކު ހޮވަންޏާ މަޑުއްވަރީ އާއި މީދޫ ދާއިރާގެ ރައްޔިތުންނަށް އޮތް އެންމެ އުފާވެރި އަދި ކާމިޔާބު ނަމަކީ މޫކޭ އެވެ. މޫކޭއާ ނުލައި ތަރައްގީގެ މަސައްކަތްތައް ބައްޓަން ނުކުރެވޭ ވަރަށް މޫކޭވަނީ އެ ދެރަށުގެ ތަރައްގީގެ އެކި ކަންކަމާ ގުޅި ލާމެހިފައެވެ. ކުދި އަދި ބިޔަ ތަރައްގީގެ އެކި މަޝްރޫއުތަކުގެ މޫތައް ގޮސް ގުޅެނީ މޫކޭ އާ އެވެ. އޭގެ މަންޒަރުތައް އަންނަނީ އެ ދެރަށުގެ މަލަމަތީން ސާފުކޮށް ފެންނަމުންނެވެ. އެ ދެ ރަށުގެ މާހައުލު ވެސް އެކަމަށް ހެކި ދެއެވެ.

މަޑުއްވަރީ ދާއިރާގެ މަޑުއްވަރީއާއި މީދޫ

މޫކޭއަކީ ސަރުކާރަށް ބަސް ވިކޭ، ސަރުކާރުގެ ތަރައްގީގެ މައިނާރާ ގުޅުން ހުރި ތާޒާ ލޭ ހިނގާ ޒުވާނެކެވެ. ހަމަ އެއާއެކު މަޑުއްވަރީ އާއި މީދޫގެ ރައްޔިތުންގެ މައްޗަށް ބަސްވިކޭ މޫކޭގެ ބަސް އެދެރަށުގެ ރައްޔިތުން އަޑު އަހާނެ ހިކުމަތްތެރި، މަޑުމައިތިރި، ވިސްނުން ތޫނު ހިންގުންތެރިޔެކެވެ. މޫކޭ އަކީ ކިހާވަރެއްގެ ކާކުކަން މުޑައްވަރީ އާއި މީދޫގެ ރައްޔިތުންނަށް އޮޅިފައެއް ވެސް ނޯންނާނެ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސްކަމުގެ މަގާމަކީ މޫކޭ އަށް ހާއްސަ މަގާމެއް ކަން ގަބޫލު ކުރާނެ ރައްޔިތުން މަޑުއްވަރީ އާއި މީދޫގައި ގިނައެވެ. މޫކޭ ވެސް އެކަމަކާ ޝައްކެއް ނުކުރެއެވެ. އުއްމީދު ކުރެވޭ ފޮނި ނަތީޖާއިން މޫކޭގެ އަޒުމަކީ އެ ދެރަށުގެ ތަރައްގީ އާއި ކުރިއެރުމުގެ ނާރެހުގައި މޫކޭގެ ނަން ރަން އަކުރުން ލިޔެވި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދީ އެއްބައެއްވަންތަ މާހައުލަކުން ތަރުތީބު ކުރެވޭ، އުފާވެރި، ބާއްޖަވެރި ދުވަސްތަކަކަށް، އެސަރަހައްދު އަލިވެ އުޖާލާވެގެން ދިއުމެވެ.

މޫކޭއަކީ މޫކޭ އެވެ. އެއްވެސް ސަބަބަކާ ހުރެ ދެވަނަ ވިސްނުމަކަށް ދޫކޮށްލާ ވަރަށް ވުރެ މޫކޭގެ އަގު، ސަރުކާރަށާއި ރައްޔިތުންނަށް ބޮޑެވެ. މޫކޭގެ އަމަލާއި ބަހުން ، އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. މީދޫ އަދި މަޑުއްވަރީ ދާއިރާގެ ރައްޔިތުންނަށް މޫކޭ އޯކޭ ވަނީ މި ހުރިހައި ސަބަބަކަށް ޓަކަ އެވެ. އެމްޑީޕީ ގައުމީ މަޖިލީހަށް މޫކޭގެ ނަން މުހިންމު ވަނީ ވެސް މި ސަބަބުތަކަށް ޓަކަ އެވެ.