ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެއާ ކާގޯގެ ހިދުމަތް ފެށުމަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ދެގައުމުގެ ދެމެދު މަޝްވަރާކޮށްފިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާއެކު އެ މަޝްވަރާތައް ކުރިއަށް ގެންދެވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

ރައީސް އޮފީހުން ބުނީ، އދ.ގެ މައި އިދާރާގައި ރައީސް ސޯލިހާއި ޝައިހް ހަސީނާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެގައުމުން ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައިވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ހިމެނޭ ކަމަށް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ބައްދަލުކުރެއްވުމުގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވި ކަމަށެވެ.

އެގޮތުން ކޮވިޑުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންވެސް ހިމެނޭ ގޮތަށް، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އެ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ކޮވިޑުގެ ތެރޭގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ސިއްހީ މާހިރުންގެ ޓީމެއް ފޮނުވައިދެއްވައި، ކޮވިޑުގެ ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީފައިވާތީ ރައީސް ސޯލިހު ޝުކުރު އަދާކުރެއްވި ކަމަށްވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ހިލާފަށް ދިރިއުޅޭ ފަރާތްތައް ގަވާއިދުގެ ތެރެއަށް އަލުން ވެއްދުމަށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއިން ކުރި މަސައްކަތްތަކަށްޓަކައި ދިވެހި ސަރުކާރަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝުކުރު އަދާކުރެއްވި ކަމަށެވެ.

މީގެ އިތުރުން އާ ދާއިރާތަކުން ދެ ގައުމުގެ ގުޅުންތައް ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި އެއާ ކާގޯގެ ހިދުމަތް ފެށުމަށް މަސައްކަތްކުރުމަށާއި ވިޔަފާރިއާއި ކޮމާސް އަދި އިކޮނޮމިކް ޑިޕްލޮމަސީ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ގައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށްވެސް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ދެބޭފުޅުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.