ޚަބަރު

ހަތަރު މަސް ފަހުން ދުވާފަރު އާންމު ހާލަތަށް

އައިޝަތު ނިއުޝާ

ރ. ދުވާފަރުގެ މޮނީޓަރިންގެ ހާލަތު އުވާލައި، އެރަށް އާންމު ހާލަތަށް ގެނެސްފިއެވެ.

ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ދުވާފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައި މިވަނީ 122 ދުވަސް ފަހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ ދުވާފަރު މޮނީޓަރިންގެ ހާލަތުން ނަގައި މިއަދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ދުވާފަރުން ޖުމުލަ 1038 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި އެ ރަށުން އަށް މީހަކު ވަނީ މަރުވެފައެވެ. އަދި މި ވަގުތު އެރަށުގައި ކޮވިޑަށް ޕޮޒިޓިވް 25 މީހަކު އެބަތިއްބެވެ.

ދުވާފަރަކީ މި ފަހުން މޮނިޓަރިންގައި އެންމެ ގިނަ ދުވަސްވަންދެން އޮތް ރަށެވެ. ކޮވިޑް ފެތުރޭތީ މިހާރުވެސް 13 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.