ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރި 25 ބުރީގެ ފުލެޓް އިމާރާތްތަކުން، ދޫކުރި ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި، 5600 ރުފިޔާ ނަގަން ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ނިންމީ، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސުހެއިލް މިހެން ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އަގު 5،600 އަށް ކުޑަކޮށް ދިނުމަށާއި، ގްރޭސް ޕީރިއަޑް އެއް އަހަރަށް ދަމާލުގެ އިތުރުން ފުލެޓުގެ މުޅި އަގުން އެއްލައްކަ ރުފިޔާ ކަނޑައިދިނުމަށް އެދި ފުލެޓު ލިބުނު ފަރާތްތައް އެކުވެގެން އުފައްދާފައިވާ، ހިޔާ ޔޫނިއަނުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭސިޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ ތަކަކާ ގުޅިގެންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ، އޭރުގެ ސަރުކާރުން ނިންމާފައި ވަނީ، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަށް ފްލެޓްތަކުގެ ކަންތައް ކުރުމަށް ކަމަށެވެ.

އެގޮތުން އޭރުގެ ސަރުކާރުން އިންޓްރެސްޓް ރޭޓް ހަމަޖައްސާފައި ވަނީ ހަތަރު ޕަސެންޓަށްވުރެ ދަށްކޮށް ކަމަށާއި މިހާރުގެ ސަރުކާރުން އެރޭޓް 6.8 ނުވަތަ ހަތް ޕަސެންޓަށް މަތިކޮށްފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ރައްޔިތުންގެ އަތުން ފުލެޓް ތަކަށް ބޮޑު އަގު ނަގަމުންދާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ، އޮޕްޝަނަލް ފަސް ޑިޒައިނެއް ކަނޑައަޅައި އޭގެ ތެރެއިން އެމީހަކު ބޭނުންވާ ޑިޒައިނަކަށް އެމީހަކަށް ލިބޭ ފުލެޓްގެ ފިނިޝިންވެސް ނިންމުމަށްފަހު ފްލެޓް ހަވާލު ކުރުމަށް ކަމަށެވެ. އެކަމަށް އިތުރު 43 މިލިޔަން ޑޮލަރުގެ ލޯނެއް ނަގަން އެޗްޑީސީން ނިންމާފައި އޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސުހެއިލް ވިދާޅުވީ، ހިޔާ މަޝްރޫގައި ހިމެނޭ 7000 ހައުސިން މަޝްރޫއުގައި، އޭރުގެ ސަރުކާރުން (ހައުސިން މިނިސްޓްރީން) ފުރަތަމަ ސޮއިކުރީ 19 މާޗް 2016 ގައި ކަމަށެވެ.

އެއަށްފަހު އެ އެއްބަސްވުމަށް ބަދަލެއް ނާންނަ ގޮތަށް އެޗްޑީސީ އަށް ބަދަލުކޮށް އެޗްޑީސީިން އެ ކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރީ 20 ޖުލައި 2016 ގައި ކަމަށެވެ. އޭރުވެސް އެ ޕްރޮޖެކްޓްގެ ފިނިޝިން މަސައްކަތްތައް ހިމެނިފައި ނުވާ ކަމަށް ކޮންޓްރެކްޓުގައި ލިސްޓު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމަށް ބޭންކުތަކުން ފައިސާ ނަގާފައި ވަނީ، އެއް ބޭންކަކުން، އެކަމަށް ބޭނުންވާ 85 ޕަސެންޓް އަދި އަނެއް ބޭންކަކުން 15 ޕަސެންޓް ނަގައިގެން ކަމަށެވެ. އެ ލޯނު ލިބިފައިވަނީ، ދެ އަހަރުގެ ގްރޭސް ޕީރިއަޑަކަށް 15 އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް 25 އަހަރު ދުވަހުން އަގު ހަމަވާ ގޮތަށް ފްލެޓްތައް ދޫކޮށްލުމުން، ލޯނަަށް ފައިސާ ދެއްކުމަށް އިތުރަށް ފައިސާ ބޮރޯ ކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓް ހަވާލު ކޮށްފައި ވަނީ އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ ހެޔޮ އަގު ހުށަހެޅި ފަރާތަށް ނޫން ކަމަށާއި، ހަގީގަތް ބެލިއިރު އެ ފަރާތާ ޕްރޮޖެކްޓް ހަވާލުކުރި ސަބަބެއް ކަމަށް ހަމައެކި ފެންނަން އޮތީ ފްލެޓް އިމާރާތްތައް 25 ބުރިއަށް ހެދުން އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

ފްލެޓްތަކަށް ޖެހޭ އަގު ބޮޑުވެގެން ޕްރޮޖެކްޓް ހަވާލު ކުރި ފަރާތާ ވާހަކަ ދެއްކުމުން، އަގު ބޮޑު ވެގެން ދިޔައީ، 25 ބުރިއަށް އިމާރާތްތައް ހަދާތީ ކަމަށް އެ ފަރާތުން ބުނި ކަމަށްވެސް ސުހެއިލް ވިދާޅުވިއެވެ. އެކަންކަމާއި އިންޓްރެސްޓް ރޭޓަށް އައިސްފައިވާ ބަދަލާ އެކު ކޮންމެ ފްލެޓެއްގެ މަހު ކުލި 10000 އަށް އަރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެން އެކަން އޮތްއިރު، 5600 ގެ ކުއްޔަކަށް ފްލެޓް ދޫ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗްޑީސީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ކުރީގެ ސަރުކާރުން ބުނާއިރު، އެ ސިޓީ އެޗްޑީސީއަށް ލިބިފައި ނުވާ ކަމަށްވެސް ސުހެއިލު ވިދާޅުވިއެވެ. އަދި އެ ސިޓީ ފެނިފައި ވަނީ ސޯޝަލް މީޑިއާއިން ކަމަށާއި، އެ ސިޓީ ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވަނީ ޑރ. މުއިއްޒު ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ސިޓީއަކީ ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު، އޮކްޓުބަރު 2018 ގައި ކަމަށްވެސް ވިދާޅުވިއެވެ.

ސުހެއިލް ވިދާޅުވީ، ފްލެޓްތަކުގެ މަހު ކުލި މިހާރު ހަމަޖެހިފައިވާ އަގަށް ކުޑަ ކުރުގައި މިހާރުގެ ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ވަރަށް ބޮޑެތި އަދަދުތަކެއް ސަބްސިޑައިޒް ކޮށްފައިވާ ކަމަށެވެ.