އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހެއިލް އަހުމަދު މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.

ސުހެއިލް ވަނީ މީގެ އިރުކޮޅެއް ކުރީން "ވަން" އަށް އެކަން ކަށަވަރު ކޮށްދެއްވައިފައެވެ. ސުހެއިލް ރިޓަޔާ ކުރައްވަން ނިންމަވާފައި ވަނީ މާދަމާއިން ފެށިގެންނެވެ. ރިޓަޔާ ކުރެއްވި އިރު، އޭނާގެ އުމުރަކީ 55 އަހަރެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ބުނީ ސަރުކާރުގެ އެންމެ ބޮޑު އެއް އެސްއޯއީއަށް އެޗްޑީސީ ވީ އިރު، ސުހައިލްއަކީ ފާއިތުވެދިޔަ ހަތަރު ވެރިކަމުގައިވެސް އެ ކުންފުނީގެ އިސް މަގާމުތަކެއް ފުރުއްވައި އެ ކުންފުންޏަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ސުހައިލް އެޗްޑީސީއާ ގުޅިވަޑައިގަތީ 2001 ވަނަ އަހަރު ހުޅުމާލޭގެ ބިން ހިއްކުމާއި ތަރައްގީކުރުމުގެ މަސައްކަތްތަކަށް ވަކި އިދާރާއެއް އުފެއްދުމާ އެކުއެވެ. އެގޮތުން ހުޅުމާލެއަށް 200 އާއިލާ އެންމެ ފުރަތަމަ އާބާދުވިއިރުވެސް ސުހައިލް ދިޔައީ އެޗްޑީސީގެ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވަމުންނެވެ.

ސުހައިލްއަކީ ހުޅުމާލެއަށް މީހުން ވަޒަންވެރިވަމުން ދިޔައިރު، ރައްޔިތުންނަށް އިތުރު ބޯހިޔާވަހިކަމަށް ބޭނުންވާކަން ފާހަގަކުރެވި، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުން އައި ބޭފުޅެކެވެ. އަދި ބިޔޯންޑް ހުޅުމާލެގެ ނަމުގައި އަތޮޅުތަކަށްވެސް އެޗްޑީސީގެ ތަޖުރިބާ ގެންދިއުމުގެ މަސައްކަތްވެސް ސުހައިލް ވަނީ ފައްޓަވައިފައެވެ.