އިރުމަތީ އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރެވޭނީ އެއާޕޯޓުގެ މެނޭޖްމެންޓަށް ބަދަލު ގެނެސްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

ވަން ޕްލަސްގެ "ވަަން އެކްސްކްލޫސިވް" ޕްރޮގުރާމުގައި، ޗައިނީޒް މާކެޓް އަލުން ހުޅުވޭނެ ކަމަށް ލަފާކުރެވޭ ގޮތާ ގުޅޭގޮތުން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަން އަހަރު، 2022 ވަނަ އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައި ވަނީ، ސީނު ކަރައިގެ ފަތުރުވެރިންވެސް ހިމަނައިގެން ކަމަށެވެ.

އެގޮތުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލުވާނީ އެއާޕޯޓުގެ އެތެރޭގެ ތަރުތީބުތައްވެސް ރަނގަޅުވެގެން ކަމަށާއި އެހެންކަމުން ޖާގައިގެ ގޮތުން މިހާރު އެ ހުރި ގޮންޖެހުންތަކަށް ހައްލު ހޯދޭނީ މެނޭޖްމެންޓުގެ ތެރެއިން ކަމަށެވެ. އަދި އުންމީދަކީ އިރުމަތީ އޭޝިއާ އިން ޗައިނާ، ޖަޕާން، ކޮރެއާގެ އިތުރުން އޮސްޓްރޭލިއާ އަދި ނިއުޒީލެންޑް މާކެޓު ވެސް އަންނަ އަހަރު ފެށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ އެބޭފުޅުން މި އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި ދަތުރު ފަށާނެ ކަމަށް. ޗައިނާ މާކެޓް ބޭރަށް ދަތުރުކުރަން ފަށައިފިއްޔާ، އެބޭފުޅުންގެ މަގުބޫލު މަންޒިލެއް ދިވެހިރާއްޖެއަކީ. ދެން ޗައިނާ މާކެޓުގެ ކޮންމެވެސް ޕަސެންޓެއް ލިބުން އެއީ އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭނެ ކަމެއް. އެހެން ނަމަވެސް، މިހާރު މި ހުރި ލެވެލްގައި ވެސް އެއާޕޯޓު ވަރަށް ތާށިކޮށް މިދަނީ. އަންނަ އަހަރުވެސް އެއާޕޯޓަށް އެކަށީގެންވާ ލުޔެއް ލިބޭނީ އާ ޓާމިނަލް ހެދިފައި، އާ ރަންވޭ ބޭނުންކުރަން ފެށުނީމަ،" މިނިސްޓަރު ވިދާޅުވިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ޓޫރިޒަމް ފޯކާސްޓިން މޮޑެލް ފޯ ދަ މޯލްޑިވްސް ދިރާސާގެ އަންދާޒާތަކާ ގުޅުވައިގެން މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ވަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަން އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުން އަންނަ އަހަރު ރާއްޖެއަށް އެންމެ ރަނގަޅު ހާލަތުގައިވެސް އަންނާނީ 1.4 މިލިއަން ފަތުރުވެރިންނެވެ. އަދި އެންމެ ދަށް ހާލަތުގައި 1.1 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމާއެކު، 13.5 މިލިއަން ބެޑް ނައިޓްސް ހަމަވުމަކީވެސް އަންދާޒާއެއް ކަމަށެވެ.