ފެނަކަ ކޯޕަރޭޝަންގެ ބިލިން ސޮފްޓްވެއާގެ މަސައްކަތް ނުނިމެނީސް ފައިސާ ދޫކޮށްފައިވާ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ ދެ މުވައްޒަފަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.
އޭސީސީން މިއަދު ބުނީ ފެނަކައިގެ ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި 2017 ވަނަ އަހަރުގެ ތެރޭގައި ބިލިން ސޮފްޓްވެއާއެއް ހެދުމަށް "ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކުރި ނަމަވެސް އެ ހިދުމަތް މިހާތަނަށްވެސް ފެނަކައަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެ ސޮފްޓްވެއާ ނިމުނުކަމަށް ލިޔުން ދޫކޮށް، ފައިސާ ދީފައިވާ ކަމަށާއި އެހެންވެ އެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގަށް ސާބިތުވާތީ، ދައުވާކުރުމަށްޓަކައި ޕީޖީއަށް ފޮނުވާފައިވަނީ ފެނަކައިގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް (އައިސީޓީ)އާ އޭރު ހަވާލުވެ ހުރި މ. ފެހިވިދުވަރުގެ، ކ.މާލެ، އިސްމާއިލް ޝަމްއޫންއާއި އެކުންފުނީގެ ސޭލްސް އެންޑް ބިލިން ޑިޕާޓްމަންޓުގެ ވެރިއެއްގެ ހައިސިއްޔަތުން އޭރު މަސައްކަތް ކުރި ނަންބަރު ރސ 13142، ކ. މާލެ، އަހުމަދު ނަޖާހުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށެވެ.
އޭސީސީން ބުނީ ބިލިން ސޮފްޓްވެއާގެ ކަންކަން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވަނީ ތިން ފޭސް އަކަށް ބަހާލައިގެން ކަމަށާއި އެއިން ކޮންމެ ފޭސް އެއް ނިމުމުން އައިސީޓީ ޑިޕާޓްމަންޓުން އެ މަސައްކަތް ޗެކްކޮށް އެޕްރޫވް ކުރަންވާނެ ކަމަށެވެ. އަދި ކޮންމެ ފޭސް އެއް ނިންމުމަށްފަހު ޝުވެކުން ހުށަހަޅާ އިންވޮއިސް އައިސީޓީ ޑިޕާޓްމަންޓުން އެޕްރޫވް ކުރަން ވާނެ ކަމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ޝުވެކުން ކޮށްފައިވާ މަސައްކަތުގެ ކޮލިޓީ އާއި އޯތެންޓިސިޓީ އައިސީޓީ ޑިޕާޓްމަންޓުން ޗެކްކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމަކީ ފެނަކައިގެ އައިސީޓީ ޑިޕާޓްމަންޓާ އޭރު ހަވާލުވެ ހުރި އިސްމާއިލް ޝަމްއޫންގެ ޒިންމާއެއް ކަމަށެވެ. އަދި އެއްބަސްވުމުގައި ބިލިން ސޮފްޓްވެއާގައި ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ގިނަ ކަންތައްތަކެއް ޝުވެކުން ފުރިހަމަކޮށްފައިނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
"އެ ބިލިން ސޮފްޓްވެއާގެ މަސައްކަތް ޝުވެކުން 08 ނޮވެމްބަރު 2017 ގައި ނިންމުމަށާއި އެ ސޮފްޓްވެއާ ނިމުނު ކަމަށް ބެލޭނީ އެ ސޮފްޓްވެއާ ޑިޒައިން ކޮށް، އިމްޕްލިމެންޓް ކުރުމުންކަމަށް އެއްބަސްވުމުގައިވެއެވެ. ނަމަވެސް 15 އޮކްޓޯބަރު 2018 ގެ ނިޔަލަށް ވެސް އެ ސޮފްޓްވެއާ ނިންމާފައިނުވާކަމާއި އަދި ފެނަކައިގައި އެ ސޮފްޓްވެއާ އިމްޕްލިމެންޓް ކޮށްފައިނުވޭ،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ސޮފްޓްވެއާގެ މަސައްކަތް ޝުވެކުން ނިންމާފައިނުވަނީސް، އެ މަސައްކަތް ނިންމާފައިވާ ކަމަށް ބަޔާންކޮށް ޝުވެކުން ފެނަކައަށް ފޮނުވި ސިޓީގައި އިސްމާއިލް ޝަމްއޫން އަދި އަހުމަދު ނަޖާހު ވެސް ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ސޮފްޓްވެއާ ހޯސްޓްކުރުމުގެ ގާބިލުކަން ފެނަކައިގެ އަމިއްލަ ސާވާގައި ހުރި ކަމަށާއި ނަމަވެސް އެ ސޮފްޓްވެއާ ހޯސްޓްކުރުމަށް ޝުވެކަށް ހުއްދަދީ، އެކަމަށް ފައިސާ ދޫކުރުމަށް ފެނަކައިގެ އައިސީޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް މެމޯއެއް ފޮނުވާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު