އުފަން ރަށާ ދުރުގައި ވަޒީފާ އަދާކުރާ ރިސޯޓް މުވައްޒަފުންގެ އާއިލާ, އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ރިސޯޓެއް ކައިރީގައި އޮންނަ ރަށަކަށް ގެންދިޔުމަށް ޓަކައި، "ހައުސިން ސްކީމް" މި އަހަރު ނިމެންވާއިރަށް ތައާރަފު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

ވަން ޕްލަސްގެ "ވަަން އެކްސްކްލޫސިވް" ޕްރޮގުރާމުގައި، ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ "ހައުސިންގް ސްކީމް" އާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ، ރިސޯޓު މުވައްޒަފުންނަށް ނައިޓަށް ގެއަށް ދެވޭނެ ގޮތް ހެދުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށް ޓަކައި މީހުން ދިރިއުޅޭ ރަށްރަށާ ކައިރި ރަށްރަށުގައި ވެސް ޓޫރިސްޓުން ތިބޭނެ ތަންތަން ހެދުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ރިސޯޓު ތަކުގެ އިތުރުން މީހުން މިހާރު ދިރިއުޅެމުންދާ ރަށްރަށުގައިވެސް ޓޫރިޒަމް ތައާރަފު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަޅުގަނޑުމެން މިދަނީ. އޭގެ ތެރޭގައި ހޯމްސްޓޭ ގެނައުން ވެސް އެބަ ހިމެނޭ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އާއިލާއާއެކު އެކު އުޅެވޭނެ މަގު ފަހިވުން އަޅުގަނޑުމެންގެ ބޭނުމަކީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ހައުސިން ސްކީމް ހަދަން ރާވާފައިވާ ގޮތަކީ ވަކި ރިސޯޓެއްގައި އެކި ސަރަހެއްދުގެ ކުދީން މަސައްކަތް ކުރާއިރު، އެތާ ކައިރީ ރަށެއްގައި ހައުސިން ސްކީމް އޮވެއްޖެ ނަމަ، ރެންޓް ކޮށްގެންވެސް އަދި ރެންޓް ގެ އިތުރުން ގަނެގެން އޮންނަ ސްކީމެއްގެ ތެރެއިންވެސް އެކަންތައް ކާމިޔާބު ކުރެވޭނޭ ގޮތެއް ތައާރަފު ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް ބައެއް ކައުންސިލުތަކާ ވެސް ވާހަކަދައްކާފައި ވާނީ. ދެން ފަންޑިން މެކޭނިޒަމް ވެސް އަޅުގަނޑުމެން ރާވާފައި މިހާރު މިވަނީ. ފުރަތަމަ މޮޑެލެއްގެ ގޮތުގައި ދެ ރަށެއްގައި މި މަސައްކަތް ފަށާނީ. އެއަށްފަހު މުޅި ރާއްޖެއަށް އެކަންތައް ތަައާރަފު ކުރާނީ." މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ. އަދި މިއީ ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނާއި ރަށްރަށުގެ ކައުންސިލުންވެސް ވަރަށް ރަނގަޅު ކަމެއްގެ ގޮތައި ބަލައިގަންނަ ކަމެއް ކަމަށްވެސް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ ރިސޯޓް މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށްފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކޮށްފަ އެވެ. އެހެން ނަމަވެސް އުފަން ރަށާ ދުރުގައި ވަޒީފާ އަދާކުރާ ރިސޯޓް މުވައްޒަފުންނަށް ނައިޓަށް ނުދެވޭ މައްސަލައިގައި ފާޑުކިޔުންތައް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ, ވަޒީފާ އަދާކުރާ ރަށް ކައިރީގައި އޮންނަ ރަށުގައި އާއިލާ އުޅޭ ނަމަ, އެރަށަކަށް ނައިޓަށް ދެވުނު ނަމަވެސް، ކައިރީގައި އޮންނަ ރަށުގައި އާއިލާ ނޫޅޭ ނަމަ, އެކަމަށް ވެސް މޮޑެލެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށެވެ. އަލަށް ރިސޯޓް ހަދަން ހުޅުވާލާ ރަށްރަށުގައި ސްޓާފުންގެ އެކޮމަޑޭޝަން އެ ރަށުގައި ހެދުމުގެ ބަދަލުގައި ކައިރި ރަށެއްގައި އެކޮމަޑޭޝަން ހެދުމުގެ ފުރުސަތުވެސް މިހާރު ދީފައި ވާނެ ކަމަށް ވިދާޅުވިއެވެ. އެހެން ހެދި ނަމަވެސް, ރިސޯޓުގައި މުވައްޒަފުން އަރާމު ކޮށްލަން ތަންތަން ހުންނަން ވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ, އެ ސްކީމާ ގުޅިގެން ޕްލޭނިން މިނިސްޓްރީއާ އެކު މަޝްވަރާތަކެއް ކޮށް, ކޮންސެޕްޓުގެ ވިސްނުންތައް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެފަދަ ސްކީމެއް ފަށާއިރު, ހައުސިން ސްކީމް ދޭ ރަށުގައި ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމާއި ސްކޫލު ވެސް ހުންނަންވާނެ ކަމަށެވެ.