ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދެއަކުން ދޫކޮށްފައިވާ ފްލެޓުތަކުގައި މިހާރު 40 އަށްވުރެ ގިނަ އާއިލާ ދިރިއުޅެމުން އަންނަ ކަމަށާއި، އެތަނުގައި ދިރިއުޅެން މިހާރު ކަނޑައަޅާފައިވާ ތިންމަސް ދުވަހުގެ މުއްދަތު އިތުރު ކޮށްފިނަމަ އެ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ސުހެއިލް މިހެން ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އަގު 5،600 އަށް ކުޑަކޮށް ދިނުމަށާއި، ގްރޭސް ޕީރިއަޑް އެއް އަހަރަށް ދަމާލުގެ އިތުރުން ފްލެޓުގެ މުޅި އަގުން އެއްލައްކަ ރުފިޔާ ކަނޑައިދިނުމަށް އެދި ފްލެޓު ލިބުނު ފަރާތްތައް އެކުވެގެން އުފައްދާފައިވާ، ހިޔާ ޔޫނިއަނުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީއަށް މައުލޫމާތުދެއްވަމުންނެވެ.
ސުހެއިލް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ޗެކް ކޮށްލި އިރުވެސް ހިޔާ ފްލެޓުތަކުގައި 40 އަށްވުރެ ގިނަ އާއިލާ ދިރިއުޅެމުން އަންނަ ކަމަށެވެ. އެހެންކަމުން ގްރޭސް ޕީރިއަޑަށް މިހާރު ދީފައިވާ މުއްދަތު އެއް އަހަރު ދުވަހަށް ދަމާލައިފިނަމަ އެތަނުގައި ދިރިއުޅޭ އެތައް ބަޔަކަށް އެ އަހަރު އުޅެން ޖެހޭނީ ވަރަށް ދަތި ހާލުގައި ކަމަށްވެސް ވިދާޅުވިއެވެ.
ސުހެއިލް ވިދާޅުވީ ފްލެޓު ދޫކުރިތާ ހަފުތާއެއްގެ ތެރޭގައި ބައެއް އާއިލާތަކުން އެތަނުގައި ދިރިއުޅެން ފަށާފައިވާ ކަމަށެވެ. އަދި މީހުން ފިއްތާލައިގެން މުއްދަތު ކުރުކޮށް އެކަން ބޭއްވުމަކީ އެޗްޑީސީން ބޭނުންވާގޮތް ނޫން ކަމަށާއި ބޭނުންވަނީ ވީހާ އަވަހަށް އެތަނުގައި މީހުންނަށް ދިރިއުޅެން ފެށޭ ގޮތް ވުން ކަމަށްވެސް ވިދާޅުވިއެވެ.
ފްލެޓުތަކުގެ ގްރޭސް ޕީރިއަޑް ކުރިން ތިން މަހަށް އޮތް ނަމަވެސް މިހާރު އެ މުއްދަތު ހަތަރު މަހަށް ދިގު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ސޮވްރިން ގެރެންޓީ ލިބިފައިވީ ނަމަވެސް ސުހެއިލް ވިދާޅުވީ، ފްލެޓު އިމާރާތް ކުރުމަށް ނަގާފައިވާ ލޯނަކީ އެޗްޑީސީން ޒިންމާވާ ގޮތަށް ނަގާފައިވާ ލޯނެއް ކަމަށެވެ. ފްލެޓުތަކަށް މިހާރު ނަގާ ކުލި ކުޑަކޮށްފިނަމަ އެ ލޯނު ނުދެއްކޭނެ ކަމަށާއި އެހެންކަމުން މިހާރު ނަގަމުން އަންނަ ކުލި އެޗްޑީސީއަށް ކުޑަކުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު