މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކުން މުޅި ދުނިޔެ ސަލާމަތް ކުރުމަށް ގޮވާލައި ދިވެހި ކުޑަކުދީން ލިޔެފައިވާ އިލްތިމާސް ސިޓީތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ. ގެ އާންމު މަޖިލީހުގެ ޕޯޑިއަމަށް އަރާވަޑައިގެން ހިއްސާކުރައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގައި މިރޭ ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލާއި ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަގު އިންސާނިއްޔަތަށް މާބޮޑު ކަމަށެވެ. މިއީ މިއަދުގެ ދިރާސާތަކާއި އިލްމީ ހަގީގަތްތަކާއި ސައިންޓިފިކް ރައުޔު ހެކިދޭ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ޖަޒީރާ ގައުމެއް ނެތި ގޮސްފިނަމަ، އެހެން ގައުމެއްވެސް ދުނިޔޭގައި އޮންނާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ޕޯޑިއަމަށް ރައީސް އަރައިވަޑައިގެންނެވީ އެކަންކަމުގެ ހަގީގަތްތައް ކިޔައިދެއްވީ ދިވެހި ކުޑަކުދިން އެމަނިކުފާނަށް ލިޔެފައިވާ ސިޓީތަކެއް ހިތްޕަވައިގެންނެވެ. ރައީސް ވަނީ ތަގުރީރުކުރައްވަމުން އެ ސިޓީތައް މެމްބަރުންނަށް ދައްކަވައިލައްވައިފައެވެ.

"ދިވެއްސަކަށް ދިރިނޫޅެވި، ރާއްޖެ ދެމިނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެކަމުގެ ޔަގީންކަމެއް ނޯންނާނެ. މި ހަގީގަތްތައް ކިޔައިދީފައިވާ މާސާފު ސާދާ މައުސޫމް ކަރުދާސްތަކެއް އަޅުގަނޑުގެ އަތުގައި އެބަހުރި. މިއީ މިވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތު ކުދިން އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ އެކުދިންވެސް ހެދި ބޮޑުވެ، ހަޔާތުގެ އުންމީދުތައް ފުރިހަމަ ކުރަން އެދޭ ގައުމުގެ ނާޒުކު ތިމާވެއްޓާ ގުޅޭގޮތުން މި މަޖިލިހަށް ހުށަހަޅައިދިނުން އެދި އެމަނިކުފާނަށް ލިޔެފައިވާ ސިޓީތައް ކަމަށެވެ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާ ކަމަށާއި މިއަދު އެންމެންވެސް މި ވާހަކަތައް އަޑުއަހައި ސަލާމަތުގެ އައްސޭރިއަށް ވާސިލުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ އދ. އިން އާންމުކުރި ރިޕޯޓުގައިވާ ކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ވިދާޅުވީ ރިޕޯޓުގައިވާ ގިނަގުނަ ކަންބޮޑުވުންތަކާއި އިންޒާރުތަކުގެ ވާހަކަތަކަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކަތައް ކަމަށާއި ނަމަވެސް އެއްވެސް ލެވެލެއްގައި އެކަންކަމަށް ދޭންޖެހޭ އަހަންމިއްޔަތާއި ސަމާލުކަން ދެވިފައިނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހައްލުކުރުމަށް އިންސާނުންނަށް ވަގުތު ކުޑަތަންވެފައިވާ ކަމަށާއި ކުރަން ޖެހުނު ކަންކަން ނުކޮށް ތިބުމުގެ ސަބަބުން އެއްވެސް ކަމެއް އިތުރަށް މާދަމާއަށް ލަސްކުރެވެން ނެތްކަމުގެ ބިރުވެރި ހަބަރު އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

"ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި މިހާރު ޖައްވަށް ބޭރުކުރާ ގެނދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭ. މި އަމާޒަށް ވާސުލުވެވޭނީ 2050ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ހާސިލުކޮށްގެން. އިންސާނީ ނަސްލު ނެތިދިއުން ނުވަތަ މާހައުލީ ނިޒާމަށް އަންނަ ބަދަލުން ހާލަތު ނާޒުކުވުން މިއީ އިވޭ އަޑެއް. އަތުރާލެވޭ ބަސްތަކެއް. ގެއްލިދިއުން ނުވަތަ ރެފިއުޖީންނަށް ބަދަލުވުން ނޫނީ އަމިއްލަވަންތަކަން ނެތިދިއުން،" ރައީސް ވިދާޅުވިއެވެ.

މިފަދަ ބަސްމަގަކީ ރާއްޖެ އާއި ރާއްޖެ ފަދަ ނާޒުކު ތިމާވެށި ލިބިފައިވާ ގައުމުތަކުގެ ފަހު މަރުހަލާ ސިފަކޮށްދޭ ގޮތް ކަމަށާއި 1.5 ޑިގްރީ ސެލްސިއަސް އާއި ދެ ޑިގްރީ ސެލްސިއަސްގެ ތަފާތަކީ މަރުގެ ހުކުމެއް އައުމާއި ނައުމާ ދެމެދު ހުރި ފަރަގު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލެއް ގެނައުން ވަރަށް މުހިންމު ކަމަށާއި ގައުމުތަކުން ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ފަންނީ ގާބިލުކަމާއި އެކަށޭނަ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އަގު ލާހިކުވާން ޖެހޭ ކަމަށާއި މިކަމުން ދިފާއުވުމުގެ ގާބިލުކަމާއި މާލީ ތަނަވަސްކަން ނެތް ގައުމުތަކަށް ތަނަވަސް ގައުމުތަކުން ކުރާ ހޭދަ އާއި ދޭ އެހީ އިތުރުވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭ ޝަކުވާތަކަށް އަމާންދީ ފަހަތަށް ޖެހުމަކީ ދިވެހިންނަށް އޮތް އިހުތިޔާރެއް ނޫން ކަމަށާއި ތިމާވެށީގެ ގެއްލުންތަކާއި އޭގެ ގޮންޖެހުމުން ދުނިޔެއަށް ލިބިދިން ފިލާވަޅުގެ މިސާލީ ވާހަކަ އަކީ ރާއްޖޭގެ ވާހަކަ ކަމުގައި ވުމަށް ރުހިގެން ތިބެވެން ނެތް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ މަދަދާއި އެހީއާއެކު 2030 އަށް ނެޓްޒީރޯއަށް ވާސިލުވުމަށް ރާއްޖެއިން އަޒުމް ކަނޑައަޅާފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.