ޔުނައިޓެޑް ނޭޝަންސް، ދިވެހީން ކިޔާ ގޮތުން ނަމަ، "އެކުވެރި ދައުލަތްތައް"، ނުވަތަ އދ ގެ ދިގު ތާރީހުގައި ވެސް މިހާރު ކުރިޔަށް މިދާ ހިނދުކޮޅަކީ ނުވަތަ ވަގުތުކޮޅަކީ ދިވެހީންނަށް، ދިވެހި ގައުމަށް ވަރަށް ވެސް ފަހުރުވެރި އަދި ތާރީހީ ވަގުތުކޮޅެކެވެ. އެތައް ގޮތަކުންނެވެ.
އދ އަކީ އެއް ފޯރަމަކަށް، ނުވަތަ އެއް މަޖިލީހެއްގެ ގޮތުގައި މުޅި ދުނިޔޭގައި އޮތް އެންމެ ބާރު ގަދަ އަދި އެންމެ މަތީ މަޖިލީހެވެ. މުޅި ދުނިޔެ ތަމްސީލު ކުރާ މި މަޖިލީހުގެ އެންމެ މަތީ ގުނަވަނަކީ އާންމު މަޖިލީހެވެ. އާންމު މަޖިލީހަކީ މެންބަރު ހުރިހާ ގައުމުތައް ތަމްސީލު ކުރާ، އދ. ގެ އެންމެ މަތީ ބޮޑީ އެވެ. އެހެން ކަމުން އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުން، ނުވަތަ ޖަލްސާއަކީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ހައިބަތު ބޮޑު ޖަލްސާ އެވެ. އދ. ބަލައިގެންފައިވާ، ދުނިޔޭގެ ކުދިބޮޑު ހުރިހާ ގައުމެއްގެ ވެރީން އެއްތަން ވާ ޖަލްސާއެވެ. މުޅި ދުނިޔެ އެންމެ ފުޅާ ދާއިރާއެއްގައި، އެންމެ މަތީ ފަންތީގައި ތަމްސީލުކުރާ ޖަލްސާ އެވެ. ދުނިޔޭގެ އެންމެ ބޮޑެތި ނިންމުންތައް ނިންމާ އެންމެ ބާރު ގަދަ މަޖިލީހެވެ.
21 ސެޕްޓެމްބަރު، 1965 ގައި، ދިވެހި ރާއްޖެ އދ ގެ މެންބަރަކަށް ވީ ފަހުން، ފާއިތުވި 56 އަހަރު ތެރޭގައި ރާއްޖޭގެ ހެޑް އޮފް ސްޓޭޓުން ވަނީ ވަރަށް ގިނަ ފަހަރަށް އދ ގައި ތަގުރީރު ކުރައްވައިފަ އެވެ. އެހެން ނަމަވެސް މިރޭގެ މި ވަގުތު ދިވެހީންނަށް ހާއްސަވާ ސަބަބުތައް ގިނަ އެވެ. އެ ސަބަބުތައް ދިވެހީންނަށް އަދި ދިވެހި ގައުމަށް ވެސް ހާއްސަ އެވެ.
ތާރީހުގެ ތެރެއަށް ޖެހިލާ އިރު، އެންމެ ފުރަތަމަ ކަމަކީ، އދ އާންމު މަޖިލީހުގެ ރައީސްކަން ދިވެއްސަކު ކުރާ މިއީ ފުރަތަމަ ފަހަރެވެ. އދ ގެ މެންބަރު ގައުމު ތަކުގެ އަދަދު 193 ގައި އޮތް ނަމަވެސް، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ގައުމަށް ވެސް ރިޔާސަތަށް އައުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. އެ ފުރުސަތު ލިބިފައި ވަނީ އެންމެ 74 ގައުމަށެވެ. އެ 74 ގައުމުގެ ތެރޭގައި މި ކުޑަ ކުޑަ ރާއްޖެ ހިމެނުމަކީ ހުރިހާ ދިވެހީންނަށް ވެސް ލިބޭ ބޮޑު ޝަރަފެކެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހީންނަށް ލިބޭ ފަހުރެކެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ މިދިޔަ ޖޫން 7 ވަނަ ދުވަހު އެވެ. އެއީ 143 ވޯޓު ހޯއްދަވައިގެންނެވެ. ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
ރާއްޖެ އަކީ އދ ގައި ހިމެނޭ މެންބަރު ގައުމަތަކަށް ބަލާ އިރު އެންމެ ކުޑަ އެއް ގައުމެވެ. ހުރިހައި ގޮތަކުން ބަލާއިރުވެސް މެއެވެ. ގައުމުގެ ބިމުގެ ސައިޒުގެ ގޮތުންނެވެ. ގައުމުގެ އާބާދީގެ ގޮތުންނެވެ. ގައުމުގެ އިގުތިސޯދީ ފުދުންތެރިކަމާއި ދުނިޔެވީ ކަންކަމުގައި އޮތް ނުފޫޒަށް ބެއްޔަސްމެ އެވެ. މި ނޫން ކޮންމެ އޭރިއާއަކުން ބެއްޔަސް ކަން އޮތީ މިހެންނެވެ. ރާއްޖެ މި އޮތީ ހުރިހާ ގޮތަކުން ވެސް "ކުޑަ" ގައުމު ތަކުގެ ލިސްޓުގަ އެވެ. އެހެން ނަމަވެސް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ބޮޑީގެ އެންމެ މަތީ މަޖިލީހުގެ ރައީސް ކަމަށް މި ކުޑަ ގައުމުގެ މީހަކު ބޮޑު މެޖޯރިޓީއަކުން އިންތިހާބު ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. އާދައިގެ ކަމެއް ނޫނެވެ. މިއީ ބޮޑު ކަމެކެވެ. ބޮޑު ކާމިޔާބެކެވެ. މިއިން ދައްކުވައިދެނީ ސައިޒުން ރާއްޖެ ކުޑަޔަސް، ބައެއް ކަންކަމުން ބޮޑުވެއްޖެ ކަމެވެ. ވަކީން ހާއްސަ ކޮށް ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އިތުބާރު މާބޮޑަށް ވެސް ބޮޑުވެއްޖެ އެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ މިންވަރު އެތައް ތަނަކުން އުފުލި މި ކުޑަ ގައުމަށް އޮތް އިތުބާރު ބޮޑުވެއްޖެ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު، އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރުމުން ސާފު ވެގެން ދިޔައީ މި ކަންކަމެވެ. މިއީ މުޅި ދުނިޔެއިން ވެސް ރާއްޖެ ބަލައިގެންފި ކަމަށް ބުނެ ދުނިޔޭގެ ވެރީން ރާއްޖެ އަށް ދިން މެސެޖެކެވެ. ސައިޒުން ކުޑަޔަސް، ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ދީފައި މި އޮތީ ބޮޑު އިތުބާރެކެވެ.
ދުނިޔޭގެ އެންމެ ކުޑަ ގައުމުން ފެށިގެން އެންމެ ބޮޑެތި ބާރުތަކުގެ ވޯޓުން، މުޅި ދުނިޔެ މަސަލަސް ކުރުމުގެ، މުޅި ދުނިޔެ ހަމަ މަގަށް އެޅުވުމުގެ، އަދި އަމުދުން މި ހާލަތުގައި ދުނިޔެ ހަނގުރާމަކުރަމުން ދާ މަރުގެ ވައިރަސް ކަމަށްވާ ކޮވިޑުން އަރައިގަނެ، އާންމު ހާލަތަށް ދުނިޔެ ގެންދިއުމުގެ އެންމެ މުހިންމު ރޯލެއް ކުޅުއްވޭނެ ރިޔާސަތު، މި ކުޑަ ކުޑަ ރާއްޖެއަށް ދިނުމަކީ ރާއްޖެއަށް ދުނިޔެއިން ކުރި ބޮޑު އިތުބާރެކެވެ. ވަކީން ހާއްސަކޮށް ދުނިޔޭގެ ސުލްހަ އާއި އާންމު މަސްލަހަތުތައް ހިމާޔަތް ކުރުމާ އެކު ގުޅުންތެރި ދުނިޔެއަކަށް މަގު ކޮށައިދޭނެ ރިޔާސަތަކަށް ރާއްޖެ ވާނެ ކަމުގެ ޔަގީންކަން މުޅި ދުނިޔެއަށް ވެސް އޮތީ އެވެ. ގައުމުތަކުގެ މެދުގައި ސީރިއަސް ބޮޑެތި މައްސަލަތައް އުފެދި، އެކި ނަންނަމުގައި ހަނގުރާމަތައް ކުރަމުންދާ މި ފަދަ ދުވަސްވަރެއްގައި އދ ގެ ރިޔާސަތު ރާއްޖެއަށް ހަވާލު ކުރުމުން އެނގެނީ ސުލްހައިގެ މަގުން ކަންކަން ގެންދާނެ ސިޔާސަތަކަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ވާނެ ކަމުގެ ޔަގީންކަން އޮތަކެމެވެ. އަދި ހަމަ އެހެންމެ މުޅި ދުނިޔެ ކޮވިޑާ ހަނގުރާމަ ކުރަމުންދާ، ދުނިޔޭގެ އިގުތިސޯދު މި ވައިރަހުގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހާން ޖެހިފައިވާ މި ފަދަ ނާޒުކު ވަގުތެއްގައި، ދުނިޔޭގެ ސިއްހަތު ހަމަ މަގަށް އަޅުވައި ދުނިޔެ އެކީގައި މި ބަލީން ސަލާމަތް ވެ އަމާން އައްސޭރިއަކަށް ނުކުތުމުގައި އިސް މޭސްތިރިއެއްގެ ދައުރު ކުޅުން ރާއްޖެއާ ހަވާލު ކުރުމުން އެނގެނީ، މި ބަލީން އަރައިގަތުމުގައި ރާއްޖެއިން ހޯދައިފައިވާ ކާމިޔާބުވެސް ދުނިޔެ ބަލައިގެންފި ކަމެވެ. ދުނިޔޭގެ ގިނަ ގައުމުތައް އަދިވެސް އެ ގައުމު ތަކުގެ ދޮރު ދުނިޔޭގެ އެހެން ގައުމުތަކަށް ތަޅު ލައިގެން ތިބި އިރު، ރާއްޖޭގެ ބޯޑަރު މުޅި ދުނިޔެއަށް ހުޅުވާލައިގެން ތިބުމުން މުޅި ދުނިޔެއަށް ސާފުކޮށް ލިބޭ މެސެޖަކީ، ކޮވިޑް ކޮންޓްރޯލު ކުރުމުގައިވެސް ރާއްޖެ މާ ކުރީގައި އޮތް ކަމެވެ. ހަގީގަތް އޮތީވެސް އެހެނެވެ. ކޮވިޑް ވެކްސިން ޖެހުމުގައްޔާއި ބަލި ކޮންޓްރޯލުކޮށް އިގުތިސޯދު އަލުން ހުޅުވާލި ދުނިޔޭގެ މަދު ގައުމު ތަކުގެ ތެރޭގައި މި ކުޑަ ކުޑަ ރާއްޖެ ވަނީ ހިމެނިފަ އެވެ. އެކަން މުޅި ދުނިޔެ ވެސް ބަލައިގަނެ ފާހަގަކޮށްފައި ވަނީ ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ. އަދި ދުނިޔެ ތަޅު ލެވިފައި އޮތް އިރު، ރާއްޖެ ވެފައި ވަނީ މި ހާލަތުގައި މުޅި ދުނިޔެ "އެންޓަރޓެއިން" ކޮށްދިން އެކުވެރިޔާއަށެވެ. ހާސްކަމުން ނުކުމެ، ރައްކާތެރި މާހައުލެއްގެ އިހުސާސް ކޮށްލަން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ދަތުރުކުރަމުން އަންނަނީ މި ކުޑަކުޑަ ރާއްޖެ އަށެވެ. މި ރާއްޖެ އެމީހުންނަށް މަރުހަބާ ކިޔަނީ ހަގީގަތުގައި ވެސް ކޮވިޑް ސޭފް ގައުމެއްގެ ގޮތުގަ އެވެ. އެމީހުންނަށް ދެނީ އެ އިހުސާސެވެ.
މި ހުރިހާ ސަބަބަކަށް ބަލާއިރު، ގަބޫލުކުރާން ޖެހޭ ހަގީގަތަކީ، މިއީ ރާއްޖޭގެ ހާރިޖީ ހަޔާތުގައި ދިވެހީންނަށް އައި އެންމެ ފަހުރުވެރި އަދި އެންމެ ޝަރަފުވެރި ވަގުތު ކަމެވެ. މިއީ ރާއްޖޭގެ މުޅި ތާރީހުގައި ވެސް ބައިނަލް އަގުވާމީ ދުނިޔެ ރާއްޖެއަށް ދިން އެންމެ ބޮޑު އިތުބާރު ކަމެވެ. މި ވަގުތުގައި ރާއްޖެއަށް، ކޮންމެ ދިވެއްސަކަށް ވެސް އިހުސާސް ވާނީ ފަހުރުވެރިކަމެވެ. މި ތިބީ ދުނިޔޭގެ އެންމެ އުހުގައި ކަމުގެ އިހުސާސެވެ. އާނ އެކެވެ. މިއީ ކުޑަ ގައުމަށް އައި ތާރީހީ ބޮޑު ވަގުތުކޮޅެކެވެ. އދ ގެ އާންމު މަޖިލީހުގައި އެ އިންނެވީ ރާއްޖޭގެ ހާރިޖީ ވަޒީރެވެ. ދިވެހި ގައުމުގެ ވަލީއުލް އަމްރު، އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އެ ގެންދަވަނީ އަހަރެމެން އެންމެންގެ ފަހުރުވެރި އަހަރެމެންގެ ގައުމީ ބަހުންނެވެ. މުޅި ދުނިޔެއަށް ދެއްވަން ޖެހިވަޑައިގަންނަވާ މެސެޖު އެ ދެއްވަނީ ދިވެހި ބަހުންނެވެ. މިއީ ދިވެހީންގެ ވަގުތުކޮޅެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް