ޚަބަރު

އަފްގާނިސްތާނުގެ ހާލަތާ މެދު ކަންބޮޑުވޭ، ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އޮތުން މުހިންމު: ރައީސް

އަފްގާނިސްތާނުގެ މިއަދުގެ ހާލަތާ މެދު ދިވެހިން ކަންބޮޑުވާ ކަމަށާއި ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އެގައުމުގައި އޮތުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއީ ތާލިބާނުން އަރައި އަފްގާނިސްތާނު ހިފި ފަހުން، ތާލިބާނުންގެ ސަރުކާރާ ދެކޮޅަށް ރައީސް ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ މިރޭ ރައީސް ސޯލިހު ވިދާޅުވީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަފްގާނިސްތާނުގެ މިއަދުގެ ހާލަތާ މެދު ދިވެހިން ކަންބޮޑުވާ ކަމަށެވެ. އަދި އެގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށާއި އަންހެނުންނާއި އަންހެން ކުދީންގެ ހައްގުތަކާއި ސަލާމަތާއި ހިމާޔަތް އެގައުމުގައި އޮތުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިކަންކަން ހިފެހެއްޓި ކަށަވަރުވެފައި އޮތުމަށްޓަކައި ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އެގައުމުގައި އޮތުން މުހިންމު،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެގައުމުގައި ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް ގެނެސްގެން ނޫނީ މުޅި ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި ކުރެވި، ހުރިހާ މާނައެއްގައި ކުރިއަރައިދާ ސުލްހަވެރި އަމާން ގައުމަކަށް ނުވެވޭނެ ކަމަށެވެ.

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ބޭލުމުގެ ފައިދާ ނަގައި އެންމެ 10 ދުވަސް ތެރޭގައި އެގައުމުގެ ހުރިހާ ބޮޑެތި ސިޓީތަކެއް ތާލިބާނުން ހިފިއެވެ. އަދި ވެރިރަށް ކާބުލް ވަށައިލުމުން ތާލިބާނުން ކުރަމުންދިޔަ 20 އަހަރުވީ ހަނގުރާމައިން މޮޅުވެ، އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލު އެ ޖަމާއަތަށް ވަނީ ލިބިފައެވެ.

ތާލިބާނުން މީގެ ކުރިން އަފްގާނިސްތާނުގެ ވެރިކަން ހޯދީ 1996 ވަނަ އަހަރެވެ. އެ ވެރިކަން ނިމުނީ އެމެރިކާ އިން 2001 ވަނަ އަހަރު އަފްގާނިސްތާނު ހިފުމުންނެވެ.