މެއި ހަވަނަ ދުވަހުގެ ރޭ ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރާ ދައުވާއަށް އަދުހަމް އަހުމަދު މިއަދު އިއުތިރާފު ވެއްޖެއެވެ.
އައިއީޑީ ގޮއްވައިލި މައްސަލައިގައި، ދައުލަތުން އަދުހަމަށް ހަތަރު ދައުވާއެއް ކޮށްފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުނު ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދުގެ ޝަރީއަތުގެ މަޖިލިސް ފެށުމާއެކު އެ ދައުވާތަކަށް އޭނާ އެއްބަސްވިއެވެ. ދައުވާތަކަށް އޭނާ އެއްބަސްވީ، ދައުލަތާއެކު ހަދާފއިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެ ނަމަ، 37 އަހަރުގެ ހުކުމެއް އަންނަ ގޮތަށް އޮތް ނަމަވެސް އިއުތިރާފުގެ އެއްބަސްވުން ހަދާފައިވަނީ އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށެވެ.
އެ މައްސަލަތަކަށް އަދުހަމް އެއްބަސްވުމަށްފަހު، ދެން ދިޔަ ވަގުތުކޮޅުގައި، އަދުހަމްގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން އެދިގެން މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ދެން އޮތް ބައި ވަނީ ސިއްރުކޮށްފައެވެ.
އައީޑީ ގޮއްވައިލި މައްސަލައިގައި އަދުހަމްގެ އިތުރުން ހަ މީހަކަށް ވަނީ ދައުވާކޮށްފައެވެ.
އެ ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކަކާއި ޒަހަމުތަކެއް ލިބިވަޑައިގެންނެވިއެވެ. އެ ޒަހަމުތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނު ވިލާތަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު