ކުޅިވަރު

ފަހުވަގުތު ވިނީޝިއަސް އާއި ބެންޒެމާ ޖެހި ގޯލްތަކާއެކު ރެއާލް އެއްވަނައަށް

މުޙައްމަދު ޝަމްޢޫން

ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހަތަރު މިނެޓުގައި ދެ ގޯލު ޖަހައި، ރެއާލް މެޑްރިޑުން ވެލެންސިއާ ބަލިކޮށްފިއެވެ.

ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗު ފަހަތުން އަރައި ރެއާލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހު ވަގުތުގައި ރެއާލްގެ ގޯލްތައް ޖަހައިދިނީ ކަރިމް ބެންޒެމާއާއި ވިނީޝިއަސް ޖޫނިއާއެވެ. ރޭގެ މޮޅާއެކު މިވަގުތު ލަލީގާ ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު ފަސް މެޗުން ހޯދި 13 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ތިންވަނައިގައި އޮތީ 10 ޕޮއިންޓާ އެކުގައެވެ.

މެޗުގައި ވެލެންސިއާއިން ހޫގޯ ޑޫރޯގެ ގޯލާއެކު ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް ރެއާލްއިން ނަތީޖާ ހަމަހަމަކުރީ 86 ވަނަ މިނެޓުގައެވެ. ބެންޒެމާގެ ޕާހަކުން ވިނީޝިއަސް ޖޫނިއާ ޖެހި ބޯޅަ ގޯލަށް ވަނީ ވެލެންސިއާ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލު ވެގެންނެވެ. އޭގެ ދެ މިނެޓު ފަހުން ވިނީޝިއަސްގެ ޕާހަކުން ބެންޒެމާ ގޯލް ޖެހިއެވެ. ވިނީޝިއަސް މަތިމަތިން ނަގައިދިން ބޯޅަ ބޮލުން ގޯލަށް ވައްދާލައި، ބެންޒެމާ އޭނާ ސީޒަންގައި ޖެހި ހަވަނަ ގޯލު ޖެހިއެވެ.

މިހާތަނަށް ކޯޗު ކާލޯ އެންސެލޯޓީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު މެޗަކުން ބަލިވެފައެއް ނުވެއެވެ. އެޓީމުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު، ލީގުގައި އެއްވަރުވި ހަމައެކަނި މެޗަކީ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗެވެ. މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުންވެސް ރެއާލް ވަނީ 1-0 އިން އިންޓަ މިލާން ބަލިކޮށްފައެވެ.