ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން ނެރެފިއެވެ.

އަމީންގެ މައްޗަށް ހައި ކޯޓުން ނެރެފައިވާ މޮނިކޮން އަމުރުގައި ވަނީ ފުލުހުންގެ ހުއްދަނެތި އޭނާއަށް މާލެއިން ބޭރަކަށް ނުދެވޭނެ ކަމަށާއި ހެނދުނު 6:00 އިން ހަވީރު 6:00 ގެއިން ބޭރަށް ނުކުތުންވެސް މަނާ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު 32/2015ގެ ހަތަރުވަނަ ބާބުގެ 29 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނީޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެ މާއްދާގެ ށ ގައިވަނީ އެފަދަ އަމުރަކަށް ކިޔަނީ މޮނިކޮން އަމުރު ކަމަށެވެ. އަދި އެ އަމުރު ނެރުމާ އެކު ތުހުމަތު ކުރެވޭ މީހުންގެ ފައިގައި މޮނިކޮން ޓެގު އަޅުވައެވެ.

ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ ހައިކޯޓުން ވަނީ މިދިޔަ ބުރާސްފަތި ބާތިލުކޮށް އޭނާ ދޫކޮށްލައިފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފައެވެ.

އެ މައްސަަލައިގައި އަމީންގެ މައްޗަށް ކުރި ދައުވާތަކުގެ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ މެދު ކުރިމިނަލް ކޯޓުން ނިންމި ނިންމުން ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށް ބުނެ އަމީންގެ ފަރާތުން ފުރަތަމަ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

ނަމަވެސް އެ މައްސަލަ ހައިކޯޓުން ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމިއެވެ. އެ މައްސަލަ ހައިކޯޓުން ނިންމީވެސް ރަޖިސްޓްރާގެ ނިންމުމަށް ތާއީދުކޮށެވެ.

އެ ނިންމުމާ ގުޅިގެން އަމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރިއެވެ. އަދި ދިހަ ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް ހުށަަހަޅައިފިނަމަ މައްސަލަ ބަލައިގަންނަންވާނެ ކަމަށްވެސް ކަނޑައެޅިއެވެ.

އެ މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާ ހުރީ ބަންދުގައި ކަމަށެވެ.

މީގެ އިތުރުން އަމީންގެ މައްޗަށް ތަންފީޒު ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާއްމު އިޖުރާއަތުކަން ސާބިތުވާތީ އާއި، އެ ގާނޫނުގެ ދަށުން އެފަދަ ފަރާތެއްގެ މައްޗަށް ދައުވާ އުފުލުމަށް ލިބިދީފައިވާ މުއްދަތަކީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަސްކަން އެނގެން އޮންނަ އިރު، އަމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ އުފުލާފައި ވަނީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އަމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކޮށްފައިވާ ދެ ދައުވާ އަކީ މައުލުއީގޮތުން ބެލޭނެ ދައުވާތަކެއް ނޫން ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށް ހުކުމްގައިވެއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އަމީން ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނެފައި ވަނީ، އޭނާ އަކީ ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވަމުންދާ މީހެއް ކަމަށެވެ.

އޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓު ދިނުމުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާވެސް އަމީން ގާތް ގުޅުމެއް ބާއްވާކަމަށް ފުލުހުން ބުންޏެވެ.

އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އަމީނަކީ އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވެސް ބުނެފައިވެއެވެ.

އަމީން ވަނީ އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމެނިފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި އެ ލިސްޓުގައި ދިވެއްސަކު ހިމެނުނު އެއީ ފުރަތަމަ ފަހަރެވެ.