ކުޅިވަރު

ޗެލްސީއަށް ހުއްޓުމެއް ނެތް، ޑާބީގައި ބޮޑު ތަފާތަކުން ޓޮޓެންހަމް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ލަންޑަން ޑާބީގައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ހިފަހައްޓައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަންގައި ޗެލްސީން ކުޅުނު ފަސް މެޗުންވެސް އެޓީމު ބަލިވެފައި ނުވާއިރު، މިވަގުތު އެޓީމު އޮތީ އެއްވަނައިގައި ލިވަޕޫލާ ހަމަހަމަ ކޮށެވެ. ލިވަޕޫލާއި ޗެލްސީއަށްވެސް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާ ދެޓީމުގެ ފައިދާ ގޯލާއި، ޖެހި ގޯލް، އަދި ކޮޅަށް ވަން ގޯލުގެ އަދަދުވެސް އެއްވަރެވެ.

ޗެލްސީން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ޕޮއިންޓް ގެއްލިފައި ވަނީ ހަމައެކަނި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ޓޮޓެންހަމްއިން ސީޒަންގެ ފުރަތަމަ ތިން މެޗުން މޮޅުވި ނަމަވެސް، މިރޭގެ މެޗަށް ނުކުތްއިރު، އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި އޮތީ ކްރިސްޓަލް ޕެލެސް އަތުން 3-0 އިން ބަލިވެފައެވެ. ފުލުފުލުގައި ވި ދެބައްޔާ އެކު މިހާރު ޓޮޓެންހަމް އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ، ކުޅުން ކޮންޓްރޯލު ކުރީ ޓޮޓެންހަމްއިންނެވެ. ޗެލްސީގެ ފުރަތަމަ 11 އިން އާންމުކޮށް ފެންނަ ގޯލްކީޕަރު އެޑުއާޑު މެންޑީއަށް އަނިޔާވެ، މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުތީ ސްޕެއިންގެ ކެޕާ އަރީޒާބަލާގާއެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްއިން މެޗު ކޮންޓްރޯލުކޮށް ކުޅުނު ނަމަވެސް ކެޕާ ރަނގަޅަށް ޓެސްޓް ކޮށްލެވޭ ވަރުގެ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފަށް ޗެލްސީން މޭސަން މައުންޓުގެ ބަދަލުގައި އެންގޯލޯ ކާންޓޭ ދަނޑު މައްޗަށް ނެރުމާ އެކު މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ. ޗެލްސީން މެދުތެރެ ކޮންޓްރޯލުކޮށް، ހަމަލާތަކަށް ފުރުސަތު ފަހިކުރިއެވެ. މާކަސް އެލޯންސޯގެ ނުރައްކާތެރި ހަމަލާއެއް ހާފުގެ ކުރީކޮޅުގައި ޓޮޓެންހަމް ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކޮށް ބޭރުކޮށްލާފައިވާއިރު، އޭގެ ފަހުންވެސް ލޮރިސް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ޓީމޯ ވާނާ އާއި އަޒްޕިލިކުއެޓާގެ ހަމަލާތައްވެސް މަތަކޮށްފައެވެ.

ޗެލްސީގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ ކޯނަރަކުންނެވެ. އެލޯންސޯ ނެގި ކޯނަރު ބޮލުން ގޯލަށް ވައްދާލީ މެޗުގައި މޮޅަށް ކުޅުނު ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާއެވެ. އޭގެފަހުން ރަނގަޅު ރޫހެއްގައި ފެނުނު ޗެލްސީން ކަންޓޭގެ ގޯލާއެކު ނަތީޖާގެ ފަރަގު ބޮޑުކުއިރު، އެޓީމުގެ ތިންވަނަ ގޯލަކީ ވާނާގެ ހުރަހަކުން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ޖެހި ގޯލެކެވެ.