އިނގިރޭސި ޕްރިމިއާ ލީގު

ރޮނާލްޑޯއާއި ލިންގާޑުގެ ގޯލުތައް، ޔުނައިޓެޑުގެ ހީރޯއަކީ ފަހު މިނެޓުގައި ޕެނަލްޓީ މަތަކުރި ޑެހެއާ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފޯރިގަދަ މެޗުގައި 2-1 އިން ވެސްޓް ހަމް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ޔުނައިޓެޑުން ވެސްޓް ހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ކާމިޔާބުކުރީ ފަހަތުން އަރައެވެ. ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތީ ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑުގައި ދެމިއޮތުމަށެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން އެޓީމު ހަތަރު މެޗު ކާމިޔާބު ކޮށްފައިވާ އިރު، އެއްވަރުވެ ޕޮއިންޓް ގެއްލިފައި ވަނީ އެންމެ މެޗަކުންނެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާ ޔަންގް ބޯއީސްއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުން ބަލިވެފައި އޮތް ނަމަވެސް މިއަދުގެ މެޗުން މޮޅުވުމާއެކު އެޓީމުގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ރޫހު ފެނިގެން ގޮސްފައެވެ. ހާއްސަކޮށް ފަހު ވަގުތުގައި ވެސްޓް ހަމްއަށް ލިބުނު ޕެނަލްޓީ، ޑޭވިޑް ޑެހެއާ މަތަކުރުމާއެކު ޔުނައިޓެޑުން ވަނީ ވަރަށް ބޮޑަށް އުފާފާޅުވެސް ކޮށްފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޯލު، ވެސްޓް ހަމްގެ ސައީދު ބެންރަހުމާ ޖެހީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައެވެ. އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ހުރެ ބެންރަހުމާ ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ޔުނައިޓެޑުގެ ޑިފެންޑަރު ރަފޭލް ވަރާންގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން ލޫކް ޝޯގެ ހުރަހަކުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޕްރެޝަރުކޮށް ޔުނައިޓެޑުން ވެސްޓް ހަމްއަށް ނުރައްކާ ކުރަމުން ގޮސް، ވެސްޓް ހަމްގެ ގޯލަށް ފަސް މިނެޓުވީތަނާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލަކުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލަކީ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވެ، ކުޅުނު ތިންވަނަ މެޗުގައި ޖެހި ހަތަރުވަނަ ގޯލެވެ.

ދެވަނަ ހާފުގައި ދާދި ހަމަހަމަ ކުޅުމެއް ފެނި، މެޗު އެއްވަރުވާން ދަނިކޮށް، ޔުނައިޓެޑަށް މޮޅުވި ގޯލު ޖަހައިދިނީ ޖެސޭ ލިންގާޑެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ފަހަތަށް ދިން ޕާހެއް ގެއްލި، ޔަންގް ބޯއީސް ޔުނައިޓެޑް ބަލިކުރުމަށް ޖެހި ގޯލުގައި ހެދި އެންމެ ބޮޑު ގޯހަކީ ލިންގާޑުގެ ގޯލަކަށްވީ އިރު، އޭނާއަށް އަމާޒުވި ފާޑުކިޔުމަށް ރައްދު ދިނީ މިރޭގެ ހިތްގައިމު ގޯލުންނެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ފަހު ވަގުތު ވެސްޓް ހަމްއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. އަރިމަތިން ނެގި ހުރަސް، އޭރިއާ ތެރޭގައި ހުރި ޔުނައިޓެޑުގެ ޑިފެންޑަރު ޝޯގެ އަތުގައި ޖެހުމުން، ވީއޭއާރްގެ އެހީގައި ރެފްރީ ދިން ޕެނަލްޓީ، ވެސްޓް ހަމްގެ ތަޖުރިބާކާރު ފޯވަޑް މާކް ނޯބަލް ޖެހި ނަމަވެސް ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ.

މެޗުން މޮޅުވެ ޔުނައިޓެޑް އޮތީ ތާވަލުގެ ތިންވަނައިގައެވެ. ވެސްޓް ހަމް އޮތީ އަށްވަނައިގައެވެ.