އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ކުރީގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ކުރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ.
މި މައްސަލަތަކުގެ އަޑުއެހުމެއް ތާވަލު ކޮށްފައިވަނީ މިއަދު މެންދުރު 1:00 އަށެވެ.
އައިއޭއެސްގެ ބޯޑަށް 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އައްޔަންކުރި އާޒިމްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ވަކި ގޮތަކަށް އަނބުރައިލުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުންނެވި އިރު، 100،000 ޑޮލަރުގެ ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައެވެ.
އާޒިމް ވަނީ އޭނާގެ މައްޗަށް އުފުލި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 2020 އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި އޭގެ ކުރިން އޭސީސީން އާންމުކުރި އެސްއޯއެފުން ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ސަސްޕެންޑުވެސް ކުރިއެވެ. ނަމަވެސް ފަހުން އެ ސަސްޕެންޝަން އުވައިލިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައި ވަނީ 12 އޮކްޓޫބަރު 2011 އިން 14 އޭޕްރީލް 2016ގެ ނިޔަލަށް އޭސީސީގައި ތަހުގީގީ އޮފިސަރެއްގެ ގޮތުގައި އާޒިމް މަސައްކަތް ކުރި އިރު، އެމްޕީއެލްއާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރާއި ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭ ގޮތުން އޭސީސީން ބަލަމުންދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުވުމަށްޓަކައި ޒިޔަތާއި އަދީބު މެދުވެރިކޮށް އެސްއޯއެފް ކުންފުނީގެ ޗެކަކުން އޭނާއަށް 100،000 ޑޮލަރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާއެއް ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު