ބަންގްލަދޭޝްގެ އަމިއްލަ އެންމެ ބޮޑު އެއާލައިން ކަމަށްވާ ޔޫއެސް-ބަންގްލާގެ ސީދާ ދަތުރުތައް ރާއްޖައަށް ފެށުމަށް ނިންމައިފި އެވެ.

ޔޫއެސް-ބަންގްލާ އެއާލައިނާ ހަވާލާދީ ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، އެ އެއާލައިންގެ ސީދާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ބަންގަލަދޭޝްގެ ވެރި ރަށް ޑާކާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ.

އެގޮތުން ނޮވެމްބަރު މަހުގެ މެދު ތެރޭގައި ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު، ކޮންމެ ހަފުތާއަކު ހަތަރު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

ބަންގްލަދޭޝްގެ ޑާކާޓްރައިބިއުން ނޫހުން ރިޕޯޓް ކުރި ގޮތުގައި، ޔޫއެސް-ބަންގްލާ އެއާލައިނުން ރާއްޖެއާ ދެމެދު ދަތުރު ކުރުމަށް ބޭނުން ކުރާނީ ބޯއިން 737-800 ބޯޓުތަކެވެ. އެއީ 164 މީހުންގެ ޖާގައިގެ ބޯޓު ތަކެވެ.

ޔޫއެސް-ބަންގްލާ އެއާލައިންގައި ޖުމުލަ 14 ބޯޓު އޮވެ އެވެ. އޭގެ ތެރޭގައި، ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަރުކާގެ ހަތަރު ބޯޓުގެ އިތުރުން އޭޓީއާރު 72-600އެސް މަރުކާގެ ހަތަރު ބޯޓު ވެސް ހިމެނެ އެވެ. އެ ހަތަރު ބޯޓަކީ މުޅިން އަލަށް އެކުންފުނިން ގެނެސްފައިވާ ބޯޓުތަކެއް ކަމަށް ވެސް ބަންގްލަދޭޝް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ޔޫއެސް-ބަންގްލާ އެއާލައިނުން ސްރީ ލަންކާ އާއި ސައޫދީ އަށް ވެސް ދަތުރުތައް ފަށަން އަންނަނީ ތައްޔާރުވަމުން ނެވެ. މިހާރު އެ އެއާލައިނުން ދަތުރުތައް ކުރަމުން އަންނަނީ ދުބާއީ އާއި އޮމާންގެ ވެރިރަށް މުސްކަޓުގެ އިތުރުން ދޯހާ އާއި ކުއަލަ ލަމްޕޫރް އާއި ސިންގަޕޫރު އާއި ޗެންނާއީ އަދި ޗައިނާއަށެވެ.