އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން މިރޭ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވިއިރު، މެންޗެސްޓާ ސިޓީން ސައުތުހޭމްޓަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ލިވަޕޫލުން މިރޭ އެންފީލްޑްގައި ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗުގައި ސަޑިއޯ މާނޭ ޖެހި ގޯލަކީ އޭނާ ލިވަޕޫލް ޖާޒީގައި ޖެހި 100 ވަނަ ގޯލެވެ.
ލިވަޕޫލުން މެޗުގައި ގިނަ ހަމަލާތަކެއް ތަނަވަސްކޮށްފައިވާއިރު، މިރޭގެ މެޗަށް ނުކުތީ އާންމުކޮށް ނެރޭ ފުރަތަމަ 11 އަށް ބަދަލުތަކަކާ އެކުގައެވެ. އާންމުކޮށް ފަހަތުން ދެފަޅިއަށް ކުޅޭ އެންޑީ ރޮބަޓްސަން އާއި ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑްވެސް ފުރަތަމަ 11 ގައި ހިމަނާފައި ނުވެއެވެ. ބަދަލުގައި ފަހަތަށް ކުޅެން މެޗުގެ 11 އަށް ނެރެފައި ވަނީ ކޮންސްޓަންޓިއޯސް ސިމިކަސް އާއި ޖޭމްސް މިލްނާއެވެ.
މެޗުގެ ފުރަތަމަ ގޯލް މާނޭ ޖެހީ ރީބައުންސް ބޯޅައަކުން ތަނަވަސްވި ފުރުސަތެއްގައެވެ. އެ ގޯލާއެކު ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލާފައިވާއިރު، ދެވަނަ ހާފުގައިވެސް މޮޅަށް ކުޅެ، މެޗުގެ ފަހު ކޮޅުގައި ދެވަނަ ގޯލް ޖެހީ މުހައްމަދު ސަލާހެވެ. އެއީ ސަލާހް މި ސީޒަންގެ ލީގުގައި ޖެހި ހަތަރުވަނަ ގޯލެވެ.
ލިވަޕޫލްގެ ތިންވަނަ ގޯލަކީ ނަބީ ކެއިޓާ ޖެހި ގޯލެކެވެ. މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުންވެސް ލިވަޕޫލް ބަލިވެފައެއް ނުވެއެވެ. އެޓީމަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އެއްވަރުވީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ލިވަޕޫލް ކޮޅަށް ލީގުގައި މިހާތަނަށް ވަދެފައި ވަނީ ޗެލްސީ މެޗުގައި ކައި ހަވާޓްސް ޖެހި ގޯލް އެކަންޏެވެ. އެޓީމުން ވަނީ މިހާތަނަށް 12 ގޯލް ޖަހައިފައެވެ.
މިރޭ ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސައުތުހޭމްޓަންއާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. އެޓޭކިން އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ފާހަގަވަމުންދާ ސިޓީން މިރޭގެ މެޗުގެ 90 މިނެޓާ ހަމައަށް ދިޔައިރުވެސް ސައުތުހޭމްޓަންގެ ގޯލަށް އަމާޒުކޮށް ޝޮޓެއް ހަދައިފައެއް ނުވެއެވެ. އެޓީމުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް އެޓޭކުން ފެނުނީ މާޔޫސީ ކުޅުމެކެވެ.
މި ސީޒަނަށް 100 މިލިއަން ޕައުންޑަށް ސިޓީއަށް ގެންދިޔަ ޖެކް ގްރީލިޝް އާއި ރަހީމް ސްޓާލިން އަދި ގެބްރިއަލް ޖީސަސް މެޗުގެ ފުރަތަމަ 11 ގައި ސިޓީގެ އެޓޭކުން ފަށާފައިވާއިރު، ކޯޗު ޕެޕް ގާޑިއޯލާ ވަނީ ފިލް ފޮޑެން އާއި ކެވިން ޑިބްރޭނާ އަދި ރިޔާދު މަހަރޭޒް ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނެރެ، ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ސިޓީން މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު