ޚަބަރު

އަމީންގެ މައްޗަށް ކުރި ދައުވާ ހައިކޯޓުން ބާތިލުކުރީ ސުޕްރީމް ކޯޓުގެ އުސޫލަކާ ހިލާފަށް: ޕީޖީ ޝަމީމު

އިބްރާހިމް ޒަކީ

ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމުގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ އުފުލި މުހައްމަދު އަމީނަށް ކުރި ދައުވާ ހައިކޯޓުން ބާތިލުކޮށް އޭނާ ދޫކޮށްލީ، ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަކާ ހިލާފަށް ކަމަަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައިނުވާ ކަމަށް ބުނެ އަމީންގެ މައްޗަށް ކުރި ދައުވާ ހައިކޯޓުން ބާތިލު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މި މައްސަލަ ބަލައި ހައިކޯޓުުން ކުރި ހުކުމުގައި ވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ 5 ޑިސެމްބަރު 2019ގައި ކުރިމިނަލް ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާ ހުރީ ބަންދުގައި ކަމަށެވެ.

މީގެ އިތުރުން އަމީންގެ މައްޗަށް ތަންފީޒު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާއްމު އިޖުރާއަތުކަން ސާބިތުވާތީއާއި އެގާނޫނުގެ ދަށުން އެފަދަ ފަރާތެއްގެ މައްޗަށް ދައުވާ އުފުލުމަށް ލިބިދީފައިވާ މުއްދަތަކީ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަސްކަން އެނގެން އޮންނަ އިރު، އަމީންގެ މައްޗަށް ޕީޖީގެ ފަރާތުން ދައުވާ އުފުލާފައިވަނީ އެ މުއްދަތު ފަހަނައަޅައި ދިޔަފަހުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އަމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކޮށްފައިވާ ދެ ދައުވާއަކީ މައުލުއީގޮތުން ބެލޭނެ ދައުވާތަކެއް ނޫން ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ދައުވާ ބާތިލު ކުރުމާ ގުޅިގެން އެ މައްސަލަ ސުޕްރީމު ކޯޓުުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ހަމަ އެދުވަހު ވަނީ ބުނެފައެވެ.

ހައިކޯޓުގެ ހުކުމާ ގުޅިގެން ޕީޖީ ޝަމީމު އޭނާގެ ބުލޮގުގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ، އަމީން ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން 23 އޮކްޓޯބަރު 2019 ގައި ކަމަށެވެ. ނަމަވެސް އޭނާ ބަންދުކުރީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ)ގައި ބުނާ ހާލަތަށް ފައްތައިގެން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، އަމީންގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސްފައިވަނީވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށާއި އެ މައްސަލައިގައި އަމީންގެ ބަންދާގުޅޭ ކަމެއްގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ލުއި މިންގަނޑު (ކޯޓު އަމުރަކާ ނުލައި ހައްޔަރުކޮށް، މުއްދަތު އިތުރުކުރުން ފަދަ ކަމެއް) ބޭނުންކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް އޭގެ ބަދަލުގައި، އެ ލުއި މިންގަނޑުތައް ދޫކޮށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ތެރެއިން، އެގާނޫނުގައި ހަވާލާދީފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މާއްދާތަކާ އެއްގޮތަށް އެކަމުގައި އަމަލުކޮށްފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލުކުރީ، އެ މައްސަލައިގައި އޭނާގެ މައްޗަށް އެކަށީގެންވާ ހެކި، އޭރުވެސް ލިބިފައި ހުރުމުން ކަމަށާއި އެމައްސަލައިގައި ތަހުގީގުކުރުމާއި ދައުވާކުރުމުގެ މުއްދަތު ގުނާފައިވަނީވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަލައިގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޕީޖީ ޝަމީމު ވިދާޅުވި ގޮތުގައި، ހައިކޯޓުން މުއްދަތު ގުނާފައިވަނީ، އޭނާ ބަންދުކުރީ ޖިނާއީ އިޖުރައާތުގެ ގާނޫނުންކަމަށްވާތީ އޭނާއަށް ދައުވާކުރުމުގައިވެސް ހިނގަންޖެހޭ އެ ގާނޫނުގައި ބުނާ މުއްދަތެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަންދާގުޅޭ ކަންކަމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމުގެ އިހުތިޔާރު ދީފައި އޮތަސް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މުއްދަތުތަކުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރެވިދާނެކަމުގެ އިހުތިޔާރު ދީފައިނުވާ ކަމަށް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، ހައިކޯޓުން ބުނާ ގޮތަށް ބަންދުކުރުމާއި ދައުވާކުރުމާ ގުޅުވައިގެން ގާނޫނު މާނަކުރާނަމަ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ މ.ގައި ބުނާ 14 ދުވަސް ހަމަވުމަށްފަހުު އެބާވަތުގެ މައްސަލައެއްގައި އެެއްވެސް މީހަކު ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ.