އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ސޯލިހު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް އޮފީހުން ބުނީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި އެ މަޖިލީހުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ، އދ. އާ ގުޅުނުތާ މިވީ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭ ފަދަ މުހިންމު ކާމިޔާބީއެއް ކަމަށެވެ.

ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.