މެންޗެސްޓާ ސިޓީ

ގާޑިއޯލާ ހުރީ ގޮތުގައި، "ސަޕޯޓަރުންނަށް މައާފަށް އެދޭކަށް ނުޖެހޭނެ"

މެންޗެސްޓާ ސިޓީގެ ދަނޑަށް ސަޕޯޓަރުން ވަންނަ އަދަދު މަދު ކަމަށް ދޭހަވާ ގޮތަކަށް ޕެޕް ގާޑިއޯލާ ދެއްކި ވާހަކައަކައަށް މައާފަށް އެދެން ނުޖެހޭނެ ކަމަށް އޭނާ ބުނެފިއެވެ.

ސިޓީގެ ކޯޗު ޕެޕް، އެޓީމުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އާރްބީ ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވަނީ އެކަހަލަ މުހިއްމު މެޗުތަކަށް ދަނޑު ފުރާލަ ދޭން އެދޭ ކަމަށެވެ. އޭގެ އިތުރުން ގާޑިއޯލާ ބުނެފައި ވަނީ ސިޓީން ލީގުގައި ސައުތުހޭމްޓަންއާ ދެކޮޅަށް މިއަދު ކުޅެން އޮތް މެޗަށް ސަޕޯޓަރުން ގިނައިން ދަނޑަށް ވަންނަން އެދޭ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ސިޓީގެ އެންމެ ބޮޑެތި ސަޕޯޓަރުންގެ ކްލަބުތަކުން ވަނީ ޕެޕަށް ފާޑު ކިޔައިފިއެވެ. ސަޕޯޓަރުންގެ ކްލަބުތަކުން ބުނެފައިވަނީ ޕެޕްގެ ފޯކަސް ހުންނަންވީ ކޯޗިންއަށް ކަމަށާއި، ސަޕޯޓަރުން ވެއްދުމުގެ ކަންކަން ކްލަބުތަކުން މެނޭޖުކުރަމުން ދަނީ ރަނގަޅަށް ކަމަށެވެ. އަދި ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗަށް ދަނޑަށް ވަން ސަޕޯޓަރުންގެ އަދަދުވެސް މަދު ނޫން ކަމަށް ސަޕޯޓަރުންގެ ކްލަބުތަކުން ބުނެފައިވެއެވެ.

އެ ރައްދާއެކުވެސް ޕެޕް ވަނީ މައާފަށް އެދެން އިންކާރުކޮށްފައެވެ. ޕެޕް ބުނީ އެތައް އަހަރަކު ކްލަބުގައި ކޯޗުކަން ކޮށްދިންނަމަވެސް ސަޕޯޓަރުންނަށް އޭނާ ދެއްކި ވާހަކަ ފަހުމު ނުވުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ. އޭނާ ދައްކަން އުޅުނު ވާހަކައަކީ ދަނޑު ނުފުރި އޮތް ވާހަކަ ކަމަށާއި، ސައުތުހޭމްޓަން މެޗަށް ދަނޑު ފުރާލަ ދޭން އެދޭ ކަމުގެ ވާހަކަ ކަމަށް ވެސް ބުންޏެވެ.

"ބުނި އެއްޗެއް އަހަރެން ބުނީ ސަޕޯޓަރުން ނެގި މާނައިގައެއް ނޫން. އެކަމަށް އަހަރެން މައާފަށް އެދޭކަށް ނުޖެހޭނެ. މިދިޔަ ސީޒަންގައި ކުރިމަތިވި އުނދަގޫ ހާލަތްތަކާއެކު މިހާރު މި ނުކުންނަނީ އެންމެން އެކުގައި ނަތީޖާ ނެރުމަށް. އެންމެން އެކުގައި ކަންތައްތަކެއް ކޮށްގެން ކާމިޔާބީއަށް ވާސިލުވާނީ. އަދިވެސް ބުނަން ބޭނުން މި ހަފުތާގެ މެޗަށް ދަނޑު ފުރާލަ ދޭށޭ. ފަސް އަހަރު މި ކްލަބުގައި ހޭދަކުރި ނަމަވެސް ސަޕޯޓަރުންނަށް އަހަރެން ދައްކާ ވާހަކަ އެއޮތީ ފަހުމު ނުވެފައި،" ޕެޕް ބުންޏެވެ.

ސިޓީގެ ސްޓޭޑިއަމް އެތިހާދު ސްޓޭޑިއަމްގެ ޖާގައަކީ 55،000 މީހުންނެވެ. ލެއިޕްޒިގް މެޗަށް 38،062 ސިޓީ ސަޕޯޓަރުން ވަދެފައިވާ އިރު، އަވޭ ސެކްޝަން އެއްކޮށް އޮތީ ހުސްކޮށެވެ. ސިޓީން ލީގުގައި ފުރަތަމަ ނޯވިޗާ ދެކޮޅަށް ކުޅުނު މެޗުގައި 51،437 މީހުން ދަނޑަށް ވަދެފައިވާ އިރު، އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި 52،276 މީހުން ދަނޑަށް ވަދެފައިވެއެވެ. އަވޭ ސަޕޯޓަރުންނާއެކު އެ އަދަދަށް ދަނޑަށް ވަދެފައިވާ އިރު، ސިޓީގެ ޓިކެޓުތައް ފުލްކޮށް ދަނޑުން ފެނުނު ކަމަށް ބެލެވެއެވެ.