އިޓަލީގައި ދިވެއްސަކު މަރާލައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރާލައިފައިވަނީ އިޓަލީ މީހަކާ އިނދެގެން އެގައުމުގައި ދިރިއުޅެމުންދިޔަ ހދ. ނޮޅިވަރަންފަރު، އުމުރުން 44 އަހަރުގެ މަހުމޫދު އިމާދެވެ.

މަހުމޫދުގެ އާއިލާގެ މީހަކު "ވަން" އަށް މައުލޫމާތު ދެމުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި އޭނާ މަރާލައިފައިވާކަން އާއިލާއަށް އެނގިފައިވާ ކަމަށާއި އިތުރު އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.

"އޭނާގެ އަންހެނުންވެސް މިވަގުތު ހުރީ ރަށުގައި. ބަފައިބެވެސް. އަންހެނުންގެ ފަރާތުން ހެދި ކޮންފަރެންސް ކޯލްއަކުން އަޅުގަނޑަށްވެސް އެ މައުލޫމާތު ލިބުނީ،" އާއިލާގެ މެންބަރު ބުންޏެވެ.

މަހުމޫދަކީ އިޓަލީގެ ސިޓިޒަންޝިޕް އޮންނަ މީހެކެވެ. އޭނާ މަރާލާފައިވަނީ މިމަހުގެ 20 ގައި ރާއްޖެ އަންނަން ޓިކެޓުވެސް ނަގާފައިވަނިކޮށެވެ.