ބަންގުލަދޭޝް ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗު ޖޭމީ ޑޭ އެ މަގާމުން ވަކިކޮށް، ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ ގައުމީ ޓީމުގެ ވަގުތީ ކޯޗަކަށް ބަޝުންދުރާ ކިންގްސްއާ ހަވާލުވެ ހުރި އޮސްކާ ބްރޫޒޮން ހަމަޖައްސައިފިއެވެ.
ބަންގުލަދޭޝްގެ އިތުބާރު ހުރި ނޫސްތަކުން ބުނެފައިވާ ގޮތުގައި ފެޑަރޭޝަނުން މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ސާފަށް ދާ ޓީމު އޮސްކާއާ ހަވާލުކުރުމަށް ކަމަށެވެ. އޮސްކާއަކީ ސްޕެއިންގެ ކޯޗެކެވެ. އޭނާއަކީ މި ސަރަހައްދުގެ ފުޓުބޯޅައިގެ ބޮޑު ތަޖުރިބާއެއް ހުރި މޮޅު ކޯޗެކެވެ.
އޮސްކާ ވަނީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކަން ކޮށްދީފައެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓާއެކު އެއް ސީޒަނެއްގައި ޕްރެސިޑެންޓްސް ކަޕާއި، ދިވެހި ލީގު އަދި އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ. އޭގެ ކުރިން އިންޑިއާގެ މުމްބާއީ އެފްސީއަށްވެސް އޮސްކާ ކޯޗުކަން ކޮށްދީފައިވާ އިރު، ރާއްޖޭގައި ހޭދަކުރި ދުވަސްތަކަށް ފަހު ދިޔައީ ބަންގުލަދޭޝްގެ ޕްރިމިއާ ލީގަށެވެ. އެ ލީގުގައި އޮސްކާ ދަނީ ބަޝުންދުރާ ކިންގްސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.
އޮސްކާ ހަވާލުވި ފަހުން ބަންގުލަދޭޝްގައި ބަޝުންދުރާ ވާދަކުރި ހުރިހާ މުބާރާތެއް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ގައުމުގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފައެވެ. ދާދިފަހުން އޮސްކާ ވަނީ ބަޝުންދުރާއާއެކު އޭއެފްސީ ކަޕަށް ވެސް ރާއްޖެއަށް އައިސްފައެވެ. އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ބަޝުންދުރާއިން ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން ގްރޫޕު ނިންމާލީ ދެވަނައިގައެވެ. އެއީ މިހާތަނަށް ބަންގުލަދޭޝްގެ ޓީމުތަކަށް ބަލައި، އޭއެފްސީގެ ރަނގަޅު ނަތީޖާއެކެވެ.
ބަންގުލަދޭޝްއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2003 ވަނަ އަހަރުއެވެ. އެފަހަރު އެގައުމުން ތަށި ނެގީ އަމިއްލަ ގައުމުގައި ރާއްޖެ ބަލިކޮށްގެންނެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް