ޔޫއެފާ ޔޫރޮޕާ ލީގު

ލެސްޓާއަށް މާޔޫސީ ޕޮއިންޓެއް، ވެސްޓް ހަމް ފެށީ މޮޅަކުން

ޔޫރޮޕާ ލީގުގެ ގްރޫޕު ސްޓޭޖުގައި ރޭ ލެސްޓާ ސިޓީން ކުޅުނު މެޗު އެއްވަރުވި އިރު، ޕްރިމިއާ ލީގުގެ ވެސްޓް ހަމް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ލެސްޓާއިން ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗު ނިމެން 30 އަކަށް މިނެޓާ ހަމައަށް ލެސްޓާއިން 2-0 ގެ ލީޑެއްގައި އޮތް ނަމަވެސް، ނަޕޯލީން ވަނީ ފަހު މިނެޓުތަކުގައި ލެސްޓާ ކޮޅަށް ދެ ގޯލު ޖަހައި، އެޓީމު މާޔޫސް ކޮށްލައިފައެވެ.

މެޗުގެ ކުރީކޮޅުގައި ލެސްޓާއަށް ލީޑު ނަގައިދިނީ އަޔޯޒީ ޕެރޭޒްއެވެ. އެ ގޯލާއެކު މޮޅަކަށް މިސްރާބު ޖެހި ލެސްޓާއިން ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާވެސް ކުރިއެވެ. އެޓީމަށް ދެވަނަ ގޯލު ޖަހައިދިނީ ހާވީ ބާންސްއެވެ. އެ ގޯލާއެކު ލެސްޓާ ހަމަޖެހިލި ދަނޑިވަޅުގެ ފައިދާ ނަގައި، ނަޕޯލީން ގޯލެއް ޖެހިއެވެ. ލެސްޓާގެ ގޯލަށް ތިން މިނެޓު ފަހުން ނަޕޯލީން މެޗުގައި ޖެހި ފުރަތަމަ ގޯލު ޖަހައިދިނީ ވިކްޓޯ އޮސިމްހެންއެވެ.

އެ ގޯލާއެކު އުންމީދު އާކޮށް ނަޕޯލީން އެއްވަރުކުރި ގޯލު މެޗުގެ 87 ވަނަ މިނެޓުގައި ޖެހީވެސް އޮސިމްހެންއެވެ.

މެޗަށްފަހު ލެސްޓާގެ ކޯޗު ބްރެންޑަން ރޯޖާސް ބުނީ ހެދުނު ގޯހަކީ ދެ ގޯލުގެ ލީޑެއް ގެއްލުވާލުން ނޫން ކަމަށާއި، ހެދޭނެ އެންމެ ބޮޑު ގޯހަކަށްވާނީ އެކަމުން ފިލާވަޅެއް ނުހޯދުން ކަމަށެވެ. އަދި އޭނާގެ ޒުވާން ޓީމުން އެކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ވެސްޓް ހަމްއިން ރަށުން ބޭރުގައި ޑައިނަމޯ ޒަގްރަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވެސްޓް ހަމްގެ ގޯލުތައް ޖަހައިދިނީ މިޝޭލް އެންޓޯނިއޯއާއި ޑެކްލަން ރައިސްއެވެ. ރޭގެ މެޗަކީ 1999 ވަނަ އަހަރަށްފަހު ވެސްޓް ހަމްއިން ޔޫރަޕް ލެވެލްގެ ފުޓުބޯޅައިގައި ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗަށްފަހު ވެސްޓްހަމްގެ ކޯޗު ޑޭވިޑް މޮޔެސް ބުނީ ޒަގްރަބަކީ ޔޫރަޕުގެ ތާރީހު ބޮޑު ކްލަބެއް ކަމަށާއި އުނދަގޫ މެޗެއް ކަމަށް ބަލައި، ނުކުމެ ކުޅުނު މެޗުގައި ހޯދުނު މޮޅަކީ މުހިއްމު މޮޅެއް ކަމަށެވެ. މޮޔެސް ވަނީ ކްލަބުގެ އެންމެ މުހިއްމު ޕްރޮޑަކްޓް ކަމަށްވާ ޑެކްލަން ރައިސްގެ ހުނަރަށްވެސް ތައުރީފުކޮށްފައެވެ. މޮޔެސް ބުނެފައި ވަނީ ރައިސްއަށް އަދި އެންމެ 22 އަހަރު ކަމަށާއި، ރައިސްގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަ ކަމަށެވެ.