ޚަބަރު

ސިޓީ ކައުންސިލުން ދޭން ޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ނުލިބޭ: ވެމްކޯ

ރިފާ ހަލީލު

ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އަށް ސިޓީ ކައުންސިލުން 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން އެބައޮތް ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޯޕަރޭޝަނުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު އަބްދުލް ހަލީމް އަބްދުލްޤަފޫރު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް ދޭން ޖެހޭ 30.5 މިލިއަން ރުފިޔާ އެ ކޯޕަރޭޝަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ވަކިވަކި ގޭބިސީތަކުން ލިބެންޖެހޭ 59 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާނަމަ މާލޭ ސިޓީ ކައުންސިލުން އެކަނިވެސް އަޅުގަނޑުމެންނަށް ދޭން ޖެހޭ 30.5 މިލިއަން ރުފިޔާ އަދި ނުލިބި އެބައޮތް. އެކަމަކު އެ ކައުންސިލުން ފައިސާއާ ބެހޭ ކަންކަމުގައި ވަރަށް ރަނގަޅަށް ކޮމިއުނިކޭޓު ކުރޭ،" އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނީ އެ ކައުންސިލުން ވެމްކޯއަށް މަހަކު 3.1 މިލިއަން ރުފިޔާ ދައްކާ ކަމަށެވެ. އަދި މަގުތަކަށް ޖަމާކުރާ ކުނިތައް ނަގަން ވެމްކޯ އިން އެއްބަސްވެފައިވާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ނަމަވެސް ވެމްކޯ އިން އެކަން ދޮގު ކުރެއެވެ. ވެމްކޯ އިން ވަނީ ރެޖިސްޓަރީ ކޮށްފައިވާ ގޭބިސީތައް ފިޔަވައި އެހެން ގޭބިސީތަކުން ކުނި ނެގުން ރެއިން ފެށިގެން ހުއްޓާލައިފައެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ އަދަދެއްގެ ކުނިތައް ވަނީ މަގުތަކަށް ޖަމާކޮށްފައެވެ. މި ކުނިތައް ނަގައި ސާފުކުރުމަށްފަހު ސިޓީ ކައުންސިލުން ވަނީ ވެމްކޯ ސައިޓު ދޮރުމައްޗަށް އަޅައިފައެވެ. އަދި އެކަން ހިނގީ އޮޅުމަކުން ކަމަށް ބުނެ ވަނީ ކައުންސިލުން ވަނީ މައާފަށް އެދިފައެވެ.