ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ވެރިޔާ މަރްޔަމް ދީނާ ސޯލިހް، ހޯދަޑު، މައިޒާން، ޏ.ފުވައްމުލަކުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ ފެނަކަ އިން 2018 ވަނަ އަހަރުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ދޯންޏަކީ އެކުންފުނީގެ ޕްރޮކިއުމަންޓް އިސްވެރިޔާއާ ގާތް ގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ސާބިތުވެފައިވާ ކަމަށާއި 2018 ވަނަ އަހަރު ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު އަދާކޮށްފައިވަނީ މަރްޔަމް ދީނާ ސޯލިހު ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާކޮށްދިނުމަށް އެދި މިއަދު ޕީޖީއަށް ހުށަހަޅާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ފެނަކައިން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑާތަކާއި އެކަމާ ގުޅޭ ލިޔުންތަކުން އެކުންފުނީގެ ހަ ޕާޗޭސް އޯޑަރަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރު ކުރުމަށް ޖެނެރަލް ސާވިސް ރިކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕާޓްމަންޓުން ޕްރޮކިއުމަންޓު ޑިޕާޓްމަންޓަށް ފޮނުވުމުގެ ކުރިން ކަމަށެވެ. އަދި އެކަމަކީ ފެނަކައިން އަމަލުކުރަމުން ދިޔަ އުސޫލާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ މި މައްސަލައާ ގުޅިގެން ހޯދާފައިވާ ޕާޗޭސް އޯޑަރުތަކާ ގުޅިގެން އަމަލުކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށެވެ. އެގޮތުން ތިން ފަރާތަކުން ކޯޓޭޝަން ހޯދާފައިވީ ނަމަވެސް، ތިން ކޯޓޭޝަން ހޯދާފައިވަނީ މަރްޔަމް ދީނާއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ނުވަތަ އެ ކުންފުނީގެ ވެރިޔާއާ މަސްލަހަތު އޮންނަ ފަރާތްތަކުން ކަމަށެވެ. އަދި އެ ހިދުމަތް ފޯރުކޮށްދޭ އެހެން ފަރާތަކާ މުއާމަލާތު ކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތް ކަމަށްވެސް އޭސީސީން ބުންޏެވެ.

ފެނަކައިން ދަތުރު ކޮށްދިނުމުގެ ހިދުމަތް ހޯދުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތަކަކީ މަސްލަހަތު ފުށުއަރާ ފަރާތްތަކަކުން ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއް ކަމަށެވެ. އެހެންކަމުން މިކަމަކީ ކޮލޫސިވް އަދި ކޯޓޭޝަންގައި ހުށަހަޅާ އަގަށް ނުފޫޒު ފޯރުވުން ފަދަ އަމަލެއް ކަމުގައިވާތީ އެކަމުގެ ސަބަބުން ވާދަވެރިކަން ގެއްލިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

"މި މައްސަލައާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުގައި ހޯދާފައިވާ މަރްޔަމް ދީނާގެ މޯބައިލް ފޯނުގެ މުއާމަލާތްތަކަށް ބަލާއިރު، 09 ޖުލައި 2018 އިން ފެށިގެން 24 ފެބުރުވަރީ 2019 ގެ ނިޔަލަށް ދޯނި ކުއްޔަށް ދޫކުރުމަށް ފެނަކައަށް ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތާއި ދީނާއާ ދެމެދު ގިނަ އަދަދެއްގެ މުއާމަލާތުކޮށްފައިވާތީ އެފަރާތާއި ދީނާއާ ދެމެދު ގުޅުން އޮންނަކަން އެނގޭ،" އޭސީސީން ބުންޏެވެ.

މީގެ އިތުރުން ދީނާ އެ މަގާމުގައި ހުރި އިރު، ދޯނި ކުއްޔަށް ހިފައިގެން ދަތުރު ކޮށްފައިވަނީ މާބޮޑު އަގެއްގައި ކަމަށެވެ. އެކަމުގެ ސަބަބުން ސަބަބުން ކުންފުންޏަށާއި ދައުލަތަށް މާލީގޮތުން ގެއްލުންވެފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.