ޚަބަރު

ހިދުމަތަށް ރަޖިސްޓަރީ ނުކުރާ ގޭބިސީތަކުން ކުނި ނަގަން އެއްބަސްވެފައެއް ނުވާނެ: ވެމްކޯ

ރިފާ ހަލީލު

މާލޭ ސިޓީގެ މަގުމަތަކަށް ޖަމާކުރާ ކުނިތައް ނަގަން ސިޓީ ކައުންސިލާއެކު އެއްވެސް އިރެއްގައި އެއްބަސްވެފައިނުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯ އިން މިހެން ބުނެފައިވަނީ ކޮވިޑާ ގުޅިގެން ކުނި ނަގަމުން އައި އުސޫލަށް ބަދަލު ގެނެސް، ގޭބިސީތަކަށް ގޮސް ކުނި ނަގަން ފެށުމާއެކު އެ ކޯޕަރޭޝަނުގައި ރަޖިސްޓަރީ ނުކުރާ ގެތަކުގެ ކުނިތައް މަގުތަކަށް ޖަމާކުރުމުން އެ ކުނިތައް ނަގައި ސާފުކުރުމަކީ އެ ކޯޕަރޭޝަނުގެ ޒިންމާއެއް ކަމަށް ސިޓީ ކައުންސިލުން ބުނުމުންނެވެ.

ސިޓީ ކައުންސިލުން ވަނީ މަގުތަކަށް ޖަމާކޮށްފައިވާ ކުނި ނަގައި ސާފުކޮށް، ލޮރީގައި ގެންގޮސް ވެމްކޯ ސައިޓު އޮފީސް ދޮރު މައްޗަށް އަޅައިފަވެ. މިކަމާ ގިނަ ބަޔަކު ފާޑު ކިޔުމުން ސިޓީ ކައުންސިލުން ވަނީ މިކަމަށް މައާފަށް އެދިފައެވެ. އަދި އެއީ އޮޅުމަކުން ވީ ކަމެއް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މާލެ ސިޓީގެ ޑެެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުން ކޮންމެ މަހަކު ވެމްކޯއަށް 3.1 މިލިއަން ރުފިޔާ ދެމުންދާ ކަމަށާއި މި ފައިސާއަކީ މާލެ ސިޓީގެ މަގުތަކުގައި ހުންނަ ކުނިތައް ނަގައި ސާފުކުރުމަށް ދެވޭ ފައިސާއެއް ކަމަށެވެ. އެހެންކަމުން މިގޮތަށް މަގުތަކަށް ނެރޭ ކުނި ނެގުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށާއި އެކަމަށް އެ ކައުންސިލާއެކު ވެމްކޯ އިން އެއްބަސްވެފައިވާ ކަމަށެވެ.

ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ސިޓީ ކައުންސިލާ އެއްބަސްވެފައިވަނީ މާލޭ ސިޓިގެ މަގުތައް ފޮޅާ ސާފުކޮށް އެ ކުނިތައް ނެގުމަށް ކަމަށެވެ. އެހެން ނަމަވެސް މިގޮތަށް ގޭބިސީތަކުން ނެރޭ ކުނިތައް ނަގަން އެއްބަސްވެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ މާލެ ސިޓީގައި އުފެދޭ ކުނި ނެގުމަށް 2017 ވަނަ އަހަރު އެއްބަސްވެވުނީ ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލާއި އެންވަޔަރަމަންޓް މިނިސްޓްރީއާ. އޭގެ ފަހުން ހަމައެކަނި ސިޓީ ކައުންސިލާއެކު އެއްބަސްވެފައިވަނީ 2019 ވަނަ އަހަރު އެޕްރީލް މަހު. އެ އެއްބަސްބުމުގައި ވެސް އޮންނަނީ މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކޮށް އެ އުފެދޭ ކުނި ނެގުމަށް. އެކަމަކު މިގޮތަށް ގޭބިސީތަކުން ނެރޭ ކުނިތައް ނަގަން އެއްބަސްވެވުމެއް ނޯންނާނެ," އޭނާ ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ އެ ކުންފުނިން ރައްޔިތުންނަށް ދެމުންދާ ހިދުމަތާ އަޅާބަލާ އިރު، ނަގަމުން ދަނީ ވަރަށް ކުޑަ އަގެއް ކަމަށާއި އެހެންކަމުން ރަޖިސްޓަރީ ކޮށްގެން ހިދުމަތް ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން އާ އާންމު ހާލަތަށް އައުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ކުނި ނެގުމަށް ތައްޔާރުވުމަށް ސިޓީ ކައުންސިލާ ވެސް މަޝްވަރާ ކުރި ކަމަށް ވިދާޅުވިއެވެ. އެގޮތުން އިއްޔެ އިން ފެށިގެން ގޭބިސީތަކުން ކުނި ނަގާނީ ހަމައެކަނި ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކުން އެކަނި ކަމަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގެނައި ބަދަލާއެކު ވަރަށް ގިނަ ފަރާތްތަކުން ރަޖިސްޓަރީ ކުރަމުން އަންނަ ކަމަށާއި އެހެންކަމުން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށްވެސް އާދަމް ވިދާޅުވިއެވެ.

ކުނި ނެގުމަށް ރަޖިސްޓަރީ ކުރުމަށް ވަކި މުއްދަތެއް ދިނުމުގެ ސަބަބުން ރަޖިސްޓަރީ ނުކުރާ ފަރާތްތަކުން މާލެއަށް ކުނި އެޅި ނަމަވެސް، ކޮވިޑުގެ ހާލަތުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ވެސް އެ ހިދުމަތް ފޯރުކޮށްދީފައިވާކަން އާދަމް ވަނީ ފާހަގަކުރައްވައިފައެވެ.

މިހާރު މަގުމަތީގައި ހުރި ކުނިތައް ވެމްކޯއިން ނަގާނެ ކަމަށާއި އެހެން ނަމަވެސް މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ހުރިހާ ގޭބިސީތަކަކުން ވެސް ރަޖިސްޓަރީ ކުރުމަށް އާދަމް ވަނީ އެދިވަޑައިގެންފައެވެ.