ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑަށް 67.3 މިިލިއަން ރުފިޔާ ދައްކަން އުރީދޫ މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ ކަސްޓަމަރުންނަށް ދެމުން ގެންދާ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އުރީދޫއާއި ފޯކަސް އިންފޯކޮމުން ވެފައިވާ އެއްބަސްވުމަކަށް އުރީދޫން ހިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ އެއްބަސްވުމުގެ ދަށުން ފޯކަސް އިންފޯކޮމްގެ އިންޓަނެޓް ރީސެލާއެއްގެ ގޮތުން އުރީދޫން އައްޔަން ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ފޯކަސް އިންފޯކޮމަށް ކޭޝިންގެ ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫން އެއްބަސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ނަމަވެސް އެއްބަސްވުމުގެ ދަށުން އުރީދޫން ދެމުންގެންދިޔަ ކޭޝިންގެ ހިދުމަތުގެ ސްޕީޑު ގަސްތުގައި ދަށްކޮށް އުރީދޫން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ފޯކަސް އިންފޯކޮމުން ސިވިލްކޯޓުގައި ދައުވާކުރިއެވެ.

ފޯކަސް އިންފޯކޮމުން ސިވިލް ކޯޓުގައި ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އުރީދޫން 1.5 މިލިއަން ރުފިޔާ އާއި 8.1 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެ މައްސަލަ ބަލައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 67.3 މިލިއަން ރުފިޔާ އުރީދޫގެ ފަރާތުން ފޯކަސް އިންފޯކޮމަށް ދޭންޖެހޭ ކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އެ ފައިސާ ފޯކަސް އިންފޯކޮމަށް ލިބިދިނުގެ ގޮތުން 25 ޑިސެމްބަރު 2018 އިން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ދައްކަމުން ގޮސް ހަތަރު މަސް ދުވަހުގެ ތެރޭގައި 67.3 މިލިއަން ރުފިޔާ ދެއްކުމަށެވެ.

މި ހުކުމާމެދު ހިތްހަމަ ނުޖެހިގެން އުރީދޫގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބަލައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކަމަށް ހައިކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.