މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދުގައި ހުންނަވައިގެން އެއްވުމުގައި ބައިވެރިވެވަޑައިގަތް މައްސަލައިގައި އެޅި ފިޔަވަޅަކީ އެފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް، ލިޔުމުން ނަސޭހަތް ދިނުން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފިއެވެ.
"އިންސާފު ހޯދަން" ނަމުގައި މިދިޔަ ހުކުރު ދުވަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ޔާމީންގެ ގެކޮޅު ހ. ދޫވެހި ކައިރިއަށް އެއްވުމުން އެ މަނިކުފާނު ވަނީ ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ޕީޕިއެމްގެ ދިދައަކާއި ގައުމީ ދިދައެއް ސަޕޯޓަރުންނަށް ވިހުރުއްވައި އެ މީހުންނަށް އަތްޕުޅުން އިޝާރާތް ކުރައްވައި ވާހަކަފުޅުތަކެއް ދައްކަވައިފައެވެ.
ރައީސް ޔާމީންގެ އެ އަމަލަކީ ގޭބަންދަށް ބަދަލުކުރި އިގުރާރާ ހިލާފު އަމަލެއް ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން މިއަދު "ވަން" އަށް ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން އިއްޔެ ޔާމީނަށް ނަސޭހަތް ދީފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ތަކުރާރުކުރައްވައިފި ނަމަ އަޅާނެ ފިޔަވަޅެއް ވިދާޅެއްނުވެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާފައި ހުންނަވަނިކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ މާފުށީގައި ހަލުވިކަމާއެކު ކޮވިޑު ފެތުރި ޖަލުގެ ބައެއް އޮފިސަރުން ޕޮޒިޓިވްވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު