ހުސެއިން ޝަމީމް

ޑްރަގް ކޯޓަށް ފޮނުވި 2449 މައްސަލައިގެ ތެެރެއިން ނިންމުނީ އެންމެ 399 މައްސަލަ: ޕީޖީ ޝަމީމް

އިބްރާހިމް ޒަކީ

މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޑްރަގް ކޯޓަށް 2449 މީހުންގެ މައްސަލަ ހުށަހެޅުއްވި ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް ކޯޓުން ނިންމާފައި ވަނީ 399 މީހުންގެ މައްސަލަ ކަމަށް ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ޑްރަގް އޮތޯރިޓީ (އެންޑީއޭ) ހަރުދަނާ ކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމު ވިދާޅުވީ، އެ އަދަދަށް މައްސަލަތައް ނިންމައިގެން، ރައްޔިތުންނަށް ލިބޭނެ ތަސައްލީއެއް ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވީ، ޑްރަގް މައްސަލަތައް ހައްލު ކުރުމަށް، މިހާރު ގެންގުޅޭ އުސޫލުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އެކަމަށް ޓަކައި މިހާރު ގެންގުޅޭ އުސޫލު ޑާޓާބޭސް އެޕްރޯޗަކަށް ބަދަލުކޮށް ރިސޯސް އެލޮކޭޓް ކޮށްގެން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބޭ ރަށްރަށާއި އެމީހުންނާއި، އެމީހުންގެ އުމުރު ވެސް އެނގޭ ކަމަށެވެ. އެހެންކަމުން އެެތަންތަނަށް އަމާޒުކޮށްގެން ވަސީލަތްތައް އެލޮކޭޓް ކުރަން ޖެހޭ ކަން ފާހަގަ ކުރެއްވިއެވެ.

"މިސާލަކަށް އަޅުގަނޑުމެނަށް އިނގޭ ވ.އަތޮޅުގައި ތިބީ މަސްތުވާތަކެތި ބޭނުން ކުރާ 12 މީހުން ކަން، ނ.އަތޮޅުގައި 135 މީހުން ފުވައްމުލަކުގައި 163 މީހުންކަން، މި ހުރިހާ ނަމްބަރުތަކެއް އަޅުގަނޑުމެންނަށް އެބަ އެނގޭ އެހެންވީމާ އަޅުގަނޑުމެން ބަލަންވީ ކޮންދިމާލަކަށްތޯ ހިދުމަތްތައް ގެންދަންވީ، ކޮންތަނަކަށްތޯ ރިސޯސް އެލޮކޭޓް ކުރަންވީ. ޑްރަގްކޯޓުގައި 1732 މީހުންގެ މައްސަލަަ ނުނިމި އެބަ އޮތް، ދާދި އިހަކާ ޖެހެންދެން އޮންލައިން ކޮށް މައްސަލަ ހިންގާނެ އިންތިޒާމެއް އެކޯޓަކު ނެތް،" ޝަމީމް ވިދާޅުވިއެވެ.

ޑްރަގްގެ މައްސަލަތައް ހައްލު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ފާހަގަ ކުރައްވަމުން ޝަމީމް ވިދާޅުވީ، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ 49 ކޯޓެއްގައި ޖިނާއީ މައްސަލަ ހިންގި ކަމަށާއި 150 ކޯޓުގައި ކަމެއް ނެތި އަތް އުރާލައިގެން ތިބި ކަމަށެވެ.

އެހެންކަމުން އެ ކޯޓުތަކުގައި ހުރި ވަސީލަތްތައް ހުންނަންވީ ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓްގައި ކަމަށް ޝަމީމު ވިދާޅުވިއެވެ.

"މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ 49 ކޯޓުގައި ޖިނާއި މައްސަލަ ހިންގެވީ. މާނައަކީ 150 ކޯޓުގައި ކަމެއް ނެތި އަތް އުރާލައިގެން ތިއްބަވައިފިޔޭ ކުރިމިނަަލް މައްސަލަތައް ނުބާއްވާ، ސިވިލް މައްސަލަ އާއި ފެމިލީ މައްސަލަ ބާއްވާނެ، މިއަހަރު ކްރިމިނަލް މައްސަލަ ނުބާއްވާ، ކޯޓުތައް ވެސް އެބަހުރި އެ ކޯޓުތަކުގައި ވެސް، ކޮންޕިއުޓަރާއި އިންސާނީ ވަސީލަތްތަކާއި މީހުންނާ ހުންނާނެ، އެވަސީލަތްތައް އަސްލު ހުންނަންވީ ޑްރަގް ކޯޓުގައިނޫންތޯއޭ ނުވަތަ ކްރިމިނަލްކޯޓްގައި ނޫންތޯ،"

ޝަމީމު ވިދާޅުވީ ޑްރަގް މައްސަލަތައް ހައްލު ކުރެވޭނެ ކަމަށެވެ. ނަމަވެސް "އެކަމަށް ބޭނުން ވަނީ މިހާރު މި ގެންގުޅޭ އެޕްރޯޗަށްވުރެން ތަފާތު އެޕްރޯޗެއް، މިސާލަކަށް ހއ. އަތޮޅުގައި ޑްގަރްގެ 75 މީހުން ށ. އަތޮޅުގައި 96 މީހުން އެބަތިބި، އެމީހުންގެ އުމުރުވެސް އެނގޭ ސައިންޓިފިކް އެޕްރޯޗަކަށް ޑާޓާބޭސް އެޕްރޯޗަކަށް ބަދަލުކޮށްގެން ރިސޯސް އެލޮކޭޓް ކޮށްގެން އެކަން ހައްލު ކުރެވޭނެ، ގާބިލު މީހުން އެބަ ތިބި، މަސައްކަތް ކުރާނެ މީހުން ވެސް އެބަތިބި،" ކަމަށް ޝަމީމު ވިދާޅުވިއެވެ.