ކުޅިވަރު

އަނެއްކާވެސް ބަޔާން ކައިރިން ބާސާއަށް ލަދެއް، ޗެމްޕިއަން ޗެލްސީން ފެށީ މޮޅަކާއެކު

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ބާސެލޯނާ ކޮޅަށް ތިން ގޯލް ޖަހައި އެޓީމު ބަލިކޮށްފައިވާއިރު، އެންމެފަހުގެ ޔޫރޮޕިއަން ޗެމްޕިއަން ޗެލްސީން ޒެނިތު ބަލިކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުތައް ރޭ ފަށާފައިވާއިރު، ގްރޫޕް އީގައި ފުރަތަމަވެސް ކުޅުނު މެޗަކީ ގަދަ ބާރުންގެ މެޗެކެވެ. ބާސާ އާއި ބަޔާން އިން ރޭގެ މެޗަށް ކުރިމަތިލިއިރު، ބާސާއިން މެޗަށް ނުކުތީ ލަދުވެތި ހަނދާން ތަކަކާ އެކުގައެވެ. 2020 ވަނަ އަހަރު އެ ދެޓީމު ކުޅުނު މެޗުގައި ބަޔާން އިން ބާސާ ކޮޅަށް އަށް ގޯލް ޖަހައި، 8-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައި އޮތުމުން ރޭގެ މެޗަށް ބާސާ ނުކުތީ އެ ހަނދާންތަކުގެ ތާރީހު ބަދަލު ކުރުމަށެވެ.

އެހެންނަމަވެސް އެކަން ހާސިލެއް ނުވިއެވެ. ހާލަތު ދަށް ކޮށް، ލިއޮނަލް މެސީއާވެސް ނުލައި އޮތް ބާސާ އަމިއްލަ ދަނޑުގައި މިފަހަރު ބަޔާން އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޯލްތައް ޖެހީ ތޯމަސް މުލާ އާއި ރޮބާޓް ލެވަންޑޯސްކީ އެވެ. މެޗުގައި ލެވަންޑޯސްކީ ވަނީ ބާސާ ކޮޅަށް ދެ ގޯލް ޖަހައިފައެވެ.

ރޭގެ މެޗުގައި މުލާ ޖެހި ގޯލަކީ އޭނާގެ ކެރިއަރުގައި ބާސާ ކޮޅަށް ޖެހި ހަތްވަނަ ގޯލެވެ. ލެވަންޑޯސްކީ ޗެމްޕިއަންސް ލީގުގައި 75 ގޯލް ހަމަކޮށްފައިވާއިރު، ބާސާއަށް މެޗު ނިންމާލަން ޖެހުނީ ބަޔާން ގޯލަށް ޝޮޓެއް ނުހެދިއެވެ.

މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޗެލްސީން ރޭ ގްރޫޕް އެޗްގައި ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޒެނިތު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީން މެޗުގެ ބޮޑު ބައި ކޮންޓްރޯލްކޮށް ނުރައްކާ ކޮށްފައިވާއިރު، އެޓީމުން ވަނީ ހަމަލާތައްވެސް އުފައްދާފައެވެ. އެހެންނަމަވެސް ގޯލަށް އަމާޒުކޮށް ހަމަލާތައް އުފެއްދިފައި ވަނީ މަދުންނެވެ. ޗެލްސީން ގޯލަކަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 78 ވަނަ މިނެޓުގައެވެ. އަރިމަތިން ކެޕްޓަން އަޒްޕިލިކުއެޓާ ނަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލައި ޗެލްސީއަށް ލީޑު ނަގައިދިނީ 97.5 މިލިއަން ޕައުންޑުގެ ފޯވަޑް ރޮމެލޫ ލުކާކޫއެވެ.

މިދިޔަ ސީޒަންގައި އިންޓަ މިލާނަށް ކުޅުމަށްފަހު މި ސީޒަންގައި ޗެލްސީއަށް ބަދަލު ވެ މިހާތަނަށް ލުކާކޫ ކުޅުނު ހަތަރު މެޗުން ހަތަރު ގޯލް ޖަހައިފައިވެ އެވެ.

ގްރޫޕް އެޗްގައި ރޭ ޔުވެންޓަސް އިން ކުޅުނު މެޗުގައި މަލްމޯ އެފްއެފް ބަލިކުރީ 3-0 އިންނެވެ. ބަޔާން އާއި ބާސާ ހިމެނޭ ގްރޫޕް އީގައި ބެނިފީކާއާއި ޑައިނަމޯ ކިއޭވް ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.