ޚަބަރު

ގެމަނަފުށިން ފަސް މީހަކު ޕޮޒިޓިވް ވެ އެރަށް މޮނިޓަރިން އަށް

ރިފާ ހަލީލު

ގއ. ގެމަނަފުށިން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެރަށް މޮނިޓަރިން އަށް ލައިފި އެވެ.

ގެމަނަފުށީ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު މުއާޒު "ވަން" އަށް މިއަދު ވިދާޅުވީ އެރަށުން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މަސްދޯންޏެއްގެ ހަތަރު ފަޅުވެރީން ހިމެނޭ ކަމަށެވެ.

މުއާޒު ވިދާޅުވީ ރަށު ތެރޭގައި ރޯގާއެއް އުޅޭތީ އާއި އެ ރަށުން މާލެ ދިޔަ މީހަކު ޕޮޒިޓިވް ވެފައިވާތީ ރެންޑަމް ކޮށް ސާމްޕަލްތަކެއް ނެގި ކަމަށެވެ. އެ ސާމްޕަލްތަކުގެ ތެރެއިން ފަސް ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެއް ދޯންޏެއްގެ ތިން ބިދޭސީ ފަޅުވެރިޔަކާއި އެއްދިވެހި ފަޅުވެރިޔަކު ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެރަށުން މާލެ ދިޔަ ފަހުން ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓްވެފައިވާ އޭނާގެ ފިރިމީހާވެސް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެމަނަފުށިން މާލެ ދިޔަ އަންހެނަކު ޕޮޒިޓިވް ވީ. ދެން ރަށުތެރޭގަ ރޯގާއެއްވެސް އުޅުނު އޭރު. އަންހެންމީހާ ޕޮޒިޓިވް ވީމަ ރެންޑަމްކޮށް ސާމްޕަލް ނަގަން ނިންމީ. އެގޮތުން ބޮޑަށް ބެލީ ރޯގާ ޖެހިފަ ތިބި މީހުންނާއި އަންހެން މީހާއާ ކޮންޓެކްޓު ވެފަ ތިބި މީހުންގެ ސާމްޕަލް ނަގަން. އޭގެ ތެރެއިން ފަސް ސާމްޕަލެއް ޕޮޒިޓިވް މިވީ." މުއާޒު ވިދާޅުވި އެވެ.

ގެމަނަފުށީގެ އާބާދީގެ 90 ޕަސެންޓު މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އާބާދީގައި 2000 އެއްހާ މީހުން ދިރިއުޅޭ ގެމަނަފުށްޓަކީ މަސްވެރި ރަށެކެވެ.

ރާއްޖޭގެ 20 ރަށެއް މިހާރު މޮނިޓަރިން އަށް ލާފައިވާއިރު މި ބަލީގައި ރާއްޖެއިން 227 މިހަކު ވަނީ މަރުވެފަ އެވެ.